ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ
ވީޑިޔޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން އެ މީހާ ދެނެގަނެ ފުލުހުން
ފިޔަވަޅު އަޅައިފި އެވެ.
ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ހިއްސާކޮށްފައިވާ ގޮތުގައި، އުޅަނދު
ދުއްވަން އިން މީހާގެ ލައިސެންސް ހިފަހައްޓައި، އޭނާ ވަނީ ޖޫރިމަނާކޮށްފަ އެވެ.
އަދި އޭނާ ދުއްވަން އިން ސައިކަލު ވަނީ 30 ދުވަހުގެ މުއްދަތަކަށް ޓޯކޮށްފައި ކަމަށް
ފުލުހުން ވަނީ ބުނެފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލު ދުއްވަން
އިން ފިރިހެން މީހާ ސައިކަލު ދުއްވަމުން ދިޔައީ އެއް ފަރާތުން ހުންގާނުގައި
ހިފަހައްޓައިގެން، ސައިކަލުގެ އެއް ފަރާތަށް ދެ ފައި ބާލައިގެން އިނދެ އެވެ.
ސިނަމާލެ ބުރިޖުގައި މިގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި
މައްސަލައެއްގައި ނިމިދިޔަ ޖުލައި މަހުވެސް ވަނީ ތިން ސައިކަލެއް 30 ދުވަހުގެ
މުއްދަތަކަށް ފުލުހުން ޓޯކޮށްފަ އެވެ.
އާންމުންގެ ރައްކާތެރިކަމަށް މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލު
ނުދުއްވުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ. އަދި މިގޮތައް އެއްގަމު އުޅަނދުތައް
ދުއްވާ ފަރާތްތަކަށް ފުލުހުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.