މިދިޔަ ޖުލައި މަހު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ މިނިސްޓްރީ އިން 2026 ވަނަ އަހަރުގެ ޖުލައި މަހު ޖުމްލަ 228 މައްސަލައެއް ބަލައިގަނެ އެ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާފައިވެ އެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 34 ފިރިހެން ކުދިންނާއި 54 އަންހެން ކުދިންނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އިހުމާލުވުމުގެ 22 މައްސަލައަކާއި ޖިންސީ ގޯނާގެ 17 މައްސަލައެއްގެ އިތުރުން ގެވެށި އަނިޔާ ފެނުމުގެ 14 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން ނަފްސާނީ އަނިޔާގެ 9 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 7 މައްސަލައެއްގެ އިތުރުން ބްލެކްމެއިލް ކުރުމުގެ 4 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. އަދި ބުލީ ކުރުމާއި ސައިބަރ ބުލީއިންގް، ސައިބަރ އެކްސްޕްލޮއިޓޭޝަން، އަދި ކުޑަކުދިން ގްރޫމް ކުރުން ފަދަ މައްސަލަތައް ވެސް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ.

ކުޑަކުދިންގެ އަޚުލާގީ މައްސަލަތަކާ ގުޅޭގޮތުން ޖުމްލަ 15 މައްސަލައެއް މިދިޔަ ޖުލައި މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 11 ފިރިހެން ކުދިންނާއި 4 އަންހެން ކުދިންނެވެ. މި މައްސަލަތަކުގެ ތެރޭގައި ރުޅިގަދަވުމުގެ 3 މައްސަލައަކާއި ގެއިން ފިލައިގެން ދިއުމުގެ 2 މައްސަލައެއްގެ އިތުރުން ސްކޫލަށް ދާން ދެކޮޅު ހެދުމުގެ 4 މައްސަލައެއް ހިމެނެ އެވެ. އަދި ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން އުފަންވުން ރަޖިސްޓްރީ ކުރުމުގެ އެއް މައްސަލަ ވެސް ވަނީ ހުށަހަޅާފަ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 54 މައްސަލައެއް މި މުއްދަތުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. މީގެ ތެރޭގައި 45 އަންހެނުންނާއި 9 ފިރިހެނުން ހިމެނެ އެވެ. އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 32 މައްސަލައަކާއި ނަފްސާނީ އަނިޔާ ނުވަތަ ބަހުގެ ހަމަލާ ދިނުމުގެ 12 މައްސަލައެއްގެ އިތުރުން ބިރުދެއްކުމުގެ 3 މައްސަލައަކާއި ޖިންސީ އަނިޔާގެ 3 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން ރޭޕް ކުރުމުގެ އެއް މައްސަލައާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

އަޅާލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން 14 މައްސަލައެއް މިނިސްޓްރީ އިން ވަނީ ބަލާފަ އެވެ. މީގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ހުރި 7 ފަރާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއް މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ބޭނުންވާ އެއް މައްސަލަ ހިމެނެ އެވެ.

މިނިސްޓްރީގެ ހެލްޕްލައިންތަކަށް ލިބުނު ކޯލްތަކަށް ބަލާއިރު، ޗައިލްޑް ހެލްޕްލައިން 1412 އަށް ޖުމްލަ 1412 ކޯލް ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި ކުޑަކުދިން ކުރި 943 ކޯލާއި ބޮޑެތި މީހުން ކުރި 649 ކޯލް ހިމެނެ އެވެ. އަދި ސޯޝަލް ސާވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 1421 ކޯލް ލިބިފައިވާއިރު، މީގެ ތެރޭގައި 185 ކުޑަކުދިންނާއި 155 ބޮޑެތި މީހުން ކުރި ކޯލް ހިމެނެ އެވެ. ކައުންސެލިންގް ޚިދުމަތްތަކަށް ބަލާއިރު، ޖުމްލަ 226 ކައުންސެލިންގް ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، 64 ޓްރެއިނިންގް ސެޝަނާއި 15 ޕޭރެންޓިންގް ސެޝަން ވެސް ވަނީ ބާއްވާފަ އެވެ.