އުމުރުން އެންމެ 3 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި އުމުރުން 3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރު ރެކޯޑުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން 2026 އޯގަސްޓު 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަމަ އެ ދުވަހު ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި ކޯޓުން، 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް މީޑީއާ އޮފިޝަލް ވިދާޅުވި އިރު، ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބައްޕަ އެވެ. 

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވެފައިވާއިރު، މިކަމާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް، މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން އެކި ސަބަބުތަކާ ހުރެ ދޫކޮށްލުމާއި އެކަށީގެންވާ އަދަބު ނުދެވި، ތަންފީޒު ނުކުރެވޭއިރު، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ގިނަ ބަޔަކު ދަނީ ކަމާގުޅުން ހުރި އިދާރާތަކަށް ގޮވާލަމުންނެވެ.