މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވުމުގެ ސަބަބުން އެކްސިޑެންޓުވުމުން، ފުވައްމުލައް ސިޓީ އިން ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. 

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް، މިސްކިތްމަގު، އަންދާޒު، އުމުރުން 35 އަހަރުގެ އަހުމަދު އައުނުﷲ އެވެ. ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން، އޭނާ ކާރު ދުއްވީ މަސްތުގެ ހާލަތުގައި ހުރެގެންނެވެ. އަދި އެއީ ކާރުގެ ވެރިފަރާތަކަށް އަނިޔާކޮށްގެން އަތުލާފައިވާ ކާރެއް ކަމަށާއި ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. 

މި މައްސަލައިގައި ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ އޮގަސްޓު 29 ވަނަ ދުވަހުގެ އިރުއޮއްސި 18:22 ހާއިރު، ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓު ކޮށްލުމަށް ފަހު، މަޑު ނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ޖައްސާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަންހެން މީހާ އާއި ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖާ އަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި، އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.