މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާ މިއީ މިދިޔަ އަހަރަށްވުރެ 11.1 އިންސައްތަ އިތުރު އަދަދެެއް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ. 

މިނިސްޓްރީ
އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ފާއިތުވެދިޔަ
ހަފުތާގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުން، 20 އޯގަސްޓް
2026 ގެ ނިޔަލަށް ރިކަރަންޓް ޚަރަދުއާއި، ކެޕިޓަލް ޚަރަދުގެ ޖުމްލަ ހުރީ 28.74 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.09 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.3 އިންސައްތައިގެ އިތުރު ވުމެކެވެ.

މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 25.00 ބިލިއަން ރުފިޔާ ނުވަތަ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20.8 އިންސައްތަ އިތުރަށް ހޭދަކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.75 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ، އެއީ މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު 10.2 އިންސައްތަ އިތުރު އަދަދެކެވެ.

ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން ފާއިތުވެދިޔަ ހަފުތާގައި އެންމެ ބޮޑަށް އިތުރުވެފައިވަނީ ކައުންސިލްތަކަށް ދޭ ގްރާންޓެވެ. ކައުންސިލް ގްރާންޓްގެ ގޮތުގައި ޖުމްލަ 1.66 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 227.2 މިލިއަން ރުފިޔާ ނުވަތަ 15.8 އިންސައްތައިގެ އިތުރުވުމެކެވެ.

އެހެނިހެން ރިކަރަންޓް ޚަރަދުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 11.1 އިންސައްތަ އިތުރު އަދަދެ ކެވެ. އިދާރީ އަދި ހިންގުމުގެ ޚަރަދުތައް 27.0 އިންސައްތަ އިތުރުވެ 15.54 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނޭ އެހީއާއި ސަބްސިޑީގެ ޚަރަދުތައް ވަނީ 43.0 އިންސައްތަ އިތުރުވެ 8.47 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރޭގައި ސަބްސިޑީއަށް ކުރި ޚަރަދު 76.3 އިންސައްތަ އިތުރުވެ 3.54 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ޚަރަދު 13.5 އިންސައްތަ އިތުރުވެ 1.43 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

ކެޕިޓަލް ޚަރަދުގެ ދަށުން، އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް 3.26 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ހޭދަކުރި 2.99 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.1 އިންސައްތައިގެ އިތުރުވުމެކެވެ. ކެޕިޓަލް ޚަރަދު އިތުރުވުމުގައި އިންފްރާސްޓްރަކްޗަރގެ އެކި ދާއިރާތަކަށް ކުރި ހޭދަ ބޮޑު ދައުރެއް އަދާކޮށްފައިވެ އެވެ. ބިމާއި އިމާރާތްތަކަށް ކުރި ޚަރަދު 47.1 އިންސައްތަ އިތުރުވެ 1.20 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފާލަންތަކާއި ބަނދަރު ހެދުމަށް ކުރި ޚަރަދު 63.9 އިންސައްތަ އިތުރުވެ 284.5 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. ނަމަވެސް، މަގުތަކާއި ބްރިޖް އަދި އެއާޕޯޓްތަކަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 32.1 އިންސައްތަ ދަށްވެ، 961.3 މިލިއަން ރުފިޔާއަށް މަދުވެފަ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުގައި ވާގޮތުން ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން
ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.00
ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ. މި
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި އާމްދަނީ އިތުރުވުމަށް
އެންމެ ބޮޑު ބާރަކަށްވީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ)
އިން ލިބުނު އާމްދަނީ އެވެ.

ޓީ.ޖީ.އެސް.ޓީ
އަކީ ދައުލަތުގެ އާމްދަނީގެ މައިގަނޑު އެއް ބައިގެ ގޮތުގައި ދެމިއޮތްއިރު، 20 އޯގަސްޓް
2026 ގެ ނިޔަލަށް މި ދާއިރާއިން 7.39 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2025
ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 6.88 ބިލިއަން ރުފިޔާއަށްވުރެ 512.1
މިލިއަން ރުފިޔާ ނުވަތަ 7.4 އިންސައްތަ އިތުރު އަދަދެކެވެ.

ވިޔަފާރިއާއި
މުދަލުން ނަގާ ޓެކުހުގެ އާމްދަނީ ވެސް ވަނީ ކުރިއަރާފަ އެވެ. އެގޮތުން މިދިޔަ
އަހަރު ލިބުނު 4.60 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު 5.55 ބިލިއަން ރުފިޔާ
ވަނީ ލިބިފަ އެވެ. މިއީ 944.3 މިލިއަން ރުފިޔާ ނުވަތަ 20.5 އިންސައްތައިގެ
އިތުރުވުމެކެވެ.

މީގެ ތެރޭގައި ހިމެނޭ ކޯޕަރޭޓް އިންކަމް ޓެކްސް 7.1 އިންސައްތަ
އިތުރުވެ 2.86 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ނޮން-ރެސިޑެންޓް
ވިތުހޯލްޑިންގް ޓެކްސް 10.2 އިންސައްތަ އިތުރުވެ 924.5 މިލިއަން ރުފިޔާ
ލިބިފައިވެ އެވެ. އަދި ވިޔަފާރިއާއި މުދަލުގެ އެހެނިހެން ޓެކުހުން ލިބުނު އާމްދަނީ
87.9 އިންސައްތަ އިތުރުވެ 1.39 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

ޖުމްލަ ޓެކްސް އާމްދަނީ 21.48 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ އެ
މުއްދަތާ އަޅާބަލާއިރު 12.1 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން
އިމްޕޯޓް ޑިއުޓީ 16.6 އިންސައްތަ އިތުރުވެ 2.19 ބިލިއަން ރުފިޔާ ލިބިފައިވާއިރު،
އާންމު ޖީއެސްޓީ 10.8 އިންސައްތަ އިތުރުވެ 3.53 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ގްރީން ޓެކްސް 6.2 އިންސައްތަ އިތުރުވެ 1.40 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު،
އެއާޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ވަނީ 13.4 އިންސައްތަ އިތުރުވެ 1.24
ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު
އާމްދަނީ 15.2 އިންސައްތަ އިތުރުވެ 1.27 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު،
މުދަލުން ލިބުނު އާމްދަނީ 31.9 އިންސައްތަ އިތުރުވެ 1.68 ބިލިއަން ރުފިޔާ
ލިބިފައިވެ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ދެގުނައަށްވުރެ
އިތުރުވެ، 105.7 އިންސައްތައިގެ ކުރިއެރުމަކާއެކު 455.7 މިލިއަން ރުފިޔާއަށް ވަނީ
އަރާފަ އެވެ.