އަންހެނަކަށް ވެގެން ފޭސްބުކްގައި ވަގު އައިޑީއަކުން އެކި މީހުންނާ ގާތް
ގުޅުން އުފައްދައި، އޮޅުވާލައިގެން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި ފިރިހެނަކު
ޖަލަށްލައި ޖޫރިމަނާކޮށްފި އެވެ.
މި މައްސަލައިގައި ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ
ކ.ކާށިދޫ، ސިލިކޯންގެ، އިސްމާއީލް ޒަބީހު އެވެ.
ކްރިމިނަލް ކޯޓުން ވަނީ ޒަބީހު ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް
ހުކުމްކޮށް، އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައި އެވެ. އަދި ދައުވާ ކުރި
ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް
ދެއްކުމަށް ވަނީ އަންގާފަ އެވެ.
އެ އައިޑީ އިން ޖެނުއަރީ 2022 އިން ފެށިގެން އޮގަސްޓު 2024 ގެ ތިން އަހަރުގެ
މުއްދަތުގެ ތެރޭގައި ޒަބީހު ވަނީ 710،550 (ހަތް ލައްކަ ދިހަ ހާސް ފަސް ސަތޭކަ
ފަންސާސް) ރުފިޔާ ހޯދައިފަ އެވެ.
ޕީޖީ އޮފީހުން ވަނީ މި ފައިސާ އަކީ ކުށްކޮށްގެން ހޯދައިފައިވާ ފައިސާ އަށް
ވުމުން، އޭނާ ހޯދި ހުރިހާ ފައިސާއެއް ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ.
ދައުވާތައް ކޯޓުގައި ކުރިޔަށް ދަނިކޮށް ޒަބީހު ވަނީ އަމިއްލަ އަށް ކުށަށް
އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އަދި މި
އެއްބަސްވުމުގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަވުމުން ޝަރީއަތުން ވަނީ މި
އެއްބަސްވުން ބަލައިގަންނަން ނިންމާފަ އެވެ.