މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،800 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން އާންމުކޮށްފައިވާ މާލެ އަތޮޅު ކައުންސިލްގެ އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ، ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަންނަ ފައިސާއަކީ ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 5.27 ވަނަ މާއްދާގެ (ހ) ގައި އާމްދަނީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. 

ނަމަވެސް މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ލިބިފައިވާ 49،800 ރުފިޔާ، 38 ނޮވެމްބަރު 2024 ގެ ނިޔަލަށް ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެގޮތުން، ޑްރައިވިންގ ޓެސްޓު ފީގެ ގޮތުގައި ލިބުނު 49،600 ރުފިޔާ އަދި ޓެލެކޮމް ލައިސެންސް ފީގެ ގޮތުގައި 200 ރުފިޔާ ލިބިފައިވާ ކަމަށް ލިޔެފައިވީ ނަމަވެސް، މި އަދަދު ޖަމާކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. 

އެހެން ކަމުން މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އާމްދަނީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކުރުމަށް އޮޑިޓް އޮފީހުން ވަނީ އަންގާފަ އެވެ. 

މިކަންކަމުގެ އިތުރުން ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކައުންޓަށް ޖަމާވާ ފައިސާ ވިޔަ މޮޑިއުލްގައި ގަވާއިދުން ރެކޯޑު ކުރަމުން ގޮސްފައި ނުވާ ކަމަށާއި އެންމެ އެކަށޭނެ ބަޖެޓު ކޯޑުތައް ނޫން އެހެން ކޯޑުތަކުގައި އާމްދަނީގެ ފައިސާ ރެކޯޑްކޮށްފައިވާ ކަމަށް ވެސް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން، ހަރުމުދަލުގެ ރަޖިސްޓްރީއާއި ހަރުމުދާ ބެލެހެއްޓުމުގައި ފާހަގަ ކުރެވުނު މައްސަލަތައް ވެސް ވަނީ އެ ރިޕޯޓުގައި ބަޔާންކޮށްފަ އެވެ. އަދި މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ އަދަދުތަކާއި ކައުންސިލްގެ އިދާރާގެ ރިކޯޑުތަކާ ތަފާތުކަން ވެސް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.