ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ދިވެހި ރުފިޔާއިން ސަރވިސް ޗާޖް އަދި މުސާރަ ދިނުމާއި ދެކޮޅަށް ފަށާފައިވާ ޕެޓިޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެއް ދުވަހުގެ ތެރޭގައި 42 ރިސޯޓެއްގެ މުވައްޒަފުން ސޮއިކޮށްފައިވާ ކަމަށް ޓީމް އިން ބުނެފި އެވެ. 

ޓީމް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއް ދުވަސް ތެރޭގައި 42 ރިސޯޓްގެ މުވައްޒަފުން ޕެޓިޝަންގައި ސޮއި ކުރުމުން، ރިސޯޓު މުވައްޒަފުންގެ އާމްދަނީ އާއި ހައްގުތަކާއި އަދި ދިރިއުޅުމުގެ ފުދުންތެރިކަން ދިފާއުކުރުމުގައި އެ މުވައްޒަފުން ތިބީ އެއްގަލަކަށް އަރައި، ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ހާމަވާ ކަމަށެވެ.

އެ ރިސޯޓުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ އެކި ފަންތީގެ ރިސޯޓުތައް ހިމެނެ އެވެ. އަދި މިއީ ފެށުމެއް ކަމަށް ޓީމް އިން ބުނެ އެވެ. އަދި ހުރިހާ ރިސޯޓަކުން ވެސް އެ ޕެޓިޝަނުގައި ސޮއިކުރުމުގައި ބައިވެރިވުމަށް ޓީމް އިން ގޮވާލާފައިވެ އެވެ.

މި ޕެޓިޝަނުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މުސާރަ ރައްކާތެރިކޮށް، މުވައްޒަފުންގެ ހައްގު މިންވަރެއްގެ މުސާރައެއް ލިބޭނެކަން ކަށަވަރުކުރުން ކަމަށް ޓީމް އިން ވަނީ ބުނެފަ އެވެ. އަދި ރިސޯޓު މުވައްޒަފުންގެ އާމްދަނީ ޑޮލަރުން ދިނުން ހުއްޓޭ ގޮތަށް ސަރުކާރުން ގެންނަ ބަދަލުތައް ހުއްޓާލުމަށް ޓީމް އިން ވަނީ ގޮވާލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ރިސޯޓު މުވައްޒަފުންނަށް ލިބޭ ޑޮލަރުގެ އާމްދަނީ އިން 40 އިންސައްތަ ބޭންކަށް މާރުކުރަން ޖެހޭގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމާފަ އެވެ.