މާލޭގައި ހިނގި ގޭސް ލީކުވި ހާދިސާގައި ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ނުހަދާ އާއިލާއާ އާދިއްތަ ދުވަހު ހަށިގަނޑު ހަވާލުކޮށްފި އެވެ.

ދިލްކުޝާ ގޯޅީގައި ހިނގާފައިވާ މި ހާދިސާގައި ނިޔާވެފައިވަނީ މާލެއަށް
ނިސްބަތްވާ އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީގު އެވެ. މި ހާދިސާގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ނިޔާވެފަ އެވެ. އަދި މިހާތަނަށް ހަށިގަނޑު ބާއްވާފައި އޮތީ މޯޗަރީގައި އެވެ. 

މި ހާދިސާގެ އިތުރު މައުލޫމާތު ސާފު ކުރުމަށް ރާއްޖެ ޓީވީ އިން ފުލުހުންނަށް
ގުޅުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޒާހިދާގެ ޕޯސްޓްމޯޓަމް ނުހަދައި ހަށިގަނޑު
އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ނުހަދަން ނިންމައިފައި
ވަނީ ތަހުގީގަށް ފަހު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް، މި ތަހުގީގުގެ އިތުރު މައުލޫމާތެއް ފުލުހުންގެ މީޑިއާ އޮފިޝަލް ހާމަކުރައްވާފައެއް ނުވެ އެވެ.

މި ހާދިސާގައި އަނިޔާވި 19 އަހަރުގެ އަންހެން މީހާއަށް
އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.