ހުޅުމާލެ ފޭސް ދޭއްގައި ސައިކަލަކާއި މަގު ހުރަސްކުރި މީހެއް ގައިގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަ ކުއްޖާގެ ހާލު ސީރިއަސްވެ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.

އައިޖީއެމްއެޗްއިން ބުނެފައިވަނީ ހޮނިހިރު ދުވަހުގެރޭ ހިނގި މި އެކްސިޓެންޑުގައި އަނިޔާވި ކުޑަކުއްޖާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށާއި އެ ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. 

ހުޅުމާލެ ފޭސް ދޭއް، ހިތިގަސްމަގު، ވިނަރެސް 7 ކައިރި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ އެންމެ ފުރަތަމަ ގެންގޮސްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކުން ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖާއަށެވެ. 

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.