ފ. ފީއަލި ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ 2 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ވަޒީފާއިން ވަކިކޮށްފައިވަނީ 30 ޖޫން 2026 ގައި އަމަލު ކުރަން ފަށާފައިވާ ފެނަކަ ކުންފުނީގެ އައު އިދާރީ އޮނިގަނޑަށް ހިޖުރަ ކުރަމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، 13 މެއި 2026 ގައި އަމަލު ކުރަން ފަށާފައިވާ "ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ރިޑަންޑެންސީ އުސޫލު 2026" ގެ 3 ވަނަ މާއްދާގެ ދަށުން އަދި ހަމަ އެ އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
އެގޮތުން އެ 2 މުވައްޒަފަށް ފޮނުވި ވަޒީފާއިން ވަކިކުރުމުގެ ޗިޓުގައި ވަޒީފާއިން ވަކިކުރުމުގެ ސަބަބެއް ކަމަށް ބަޔާން ކޮށްފައިވަނީ އައު އުސޫލުގެ ދަށުން 2 މަސް ދުވަހުގެ ނޯޓިސްއަށްވާ ފައިސާއެކު ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، 14 ދުވަހުގެ ތެރޭގައި 2 މަސް ދުވަހުގެ ނޯޓިސްއަށްވާ ފައިސާ ޖަމާކުރެވޭނެ ކަމަށް ވެސް ޗިޓުގައި ބުނެފައިވެ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރިޔާސީ އިންތިހާބުގެ ތެރޭގައި، ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައިވާނެ ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެފައިވީ ނަމަވެސް ފެނިގެން ދަނީ ކުންފުނިތަކުގައި ތިބި އާންމު ރައްޔިތުން، ހަރަދު ކުޑަކުރުމުގެ ނަމުގައި ވަކިކުރަމުންދާ މަންޒަރެވެ. އަދި އާންމު ރައްޔިތުން ވަކިކުރުމަށްފަހު ސިޔާސީ މަގާމުތަކަށް ބޮޑު މުސާރާގައި މީހުން އައްޔަނުކުރަމުންދާތީ އާންމު ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި އެވެ.
ފެނަކަ އަދި ވެމްކޯ ފަދަ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ މައްސަލައިގައި، ރަށްރަށާއި ސިޓީ ކައުންސިލްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.