ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މިކަމުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ ހުކުރު ދުވަހުގެ ހަވީރު 05:34 ހާއިރު ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި މީހަކު ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ފުލުސް އޮފިސަރަށް އަނިޔާވި ނަމަވެސް ސީރިއަސް އަނިޔާ އެއް ލިބިފައެއް ނުވާ ކަމަށާއި މި މައްސަލައާ ގުޅިގެން ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ހަތި/ ގދ. ފަރެސްމާތޮޑާ، އުމުރުން 23 އަހަރުގެ ސާއިން އަބްދުލްގައްޔޫމް ކަމަށް ފުލުހުން ބުނެ އެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި މި މައްސަލައިގައި ހިމެނޭ ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.