ދ. މާއެނބޫދޫ ފުޓުބޯޅަ ދަނޑުގައި ޓާރފު އެޅުމަށް ނިމިދިޔަ އެމްޑީޕީ
ސަރުކާރުން ސަބް ބޭސް ހެދި ކަމަށާއި ނަމަވެސް މިހާރު ފުޓުބޯޅަ ދަނޑު އޮތީ ޖަންގައްޔަކަށް ބަދަލުވެފައި ކަމަށް މާއެނބޫދޫ ކައުންސިލުގެ ނައިބު ރައީސް ރިލްވާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރިލްވާން ވިދާޅުވީ ނިމިދިޔަ އެމްޑީޕީ
ސަރުކާރުގެ މެދުތެރޭގައި ދަނޑުގެ އަމަލީ މަސައްކަތްތައް ފަށާފައި ކަމަށެވެ. އަދި
ޓާރފް އެޅުމަށް ޓާރފް ގެނެސްފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް
އޭނާ ވިދާޅުވި އެވެ.
ރިލްވާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް
ވަޑައިގެން ފަހުން ދަނޑުގައި ޓާރފް އެޅުމަށް ކޮށްފައިވާ މަސައްކަތަކީ ދަނޑުގެ
ގަސްނޮޅުމުގެ މަސައްކަތް އެކަނި ކަމަށެވެ. ނަމަވެސް އެ ރަށު ކައުންސިލާއި ޔޫތު
މިނިސްޓްރީއާ ގުޅިގެން ފެށި ދަނޑުގެ ލައިޓް ޕޯސްޓު ހެދުމުގެ މަސައްކަތް ދަނީ
ނިމުމާ ގާތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ދަނޑެއް ދެއްވާނެކަމަށް ވިދާޅުވާތާ ވަރަށް ގިނަ ދުވަސްވެއްޖެ. ދަނޑުގެ އަމަލީ މަސައްކަތް ފެށިގެން އައީ ކޮވިޑުގެ ފަހުން އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މެދަކާ ހަމައިން ފެށިގެން ދަނޑުގެ މަސައްކަތް
ވަރަށް ބާރަށް ކުރިއަށް ގޮސް ޓާރފް އަޅާ ހިސާބަށް ސަބް ބޭސް ނިމިފަ އޮއްވާ
ވެރިކަން ބަދަލުވީ. އޭގެ ފަހުން ދަނޑު އެދިޔަގޮތަށް ޖަންގަލިވެގެން ތި ދިޔައީ.
ނިމިދިޔަ އަހަރު ފެނަކައާ ހަވާލުކޮށް ދަނޑުގެ ގަސް ނޮޅި. އޭގެ ފަހުން ދަނޑުގެ ޓާފް
އެޅުމުގެ އެއްވެސް މަސައްކަތެއް ނުކުރޭރިލްވާން އިބްރާހީމް
މިކަމާ ގުޅިގެން އެ ދާއިރާގެ މަޖިލިސް މެންބަރާއި މަޝްވަރާ ކުރެއްވިކަން ފާހަގަކުރައްވާ ރިލްވާން ވިދާޅުވީ ދެ މަސް ދުވަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް
ފެށިގެންދާނެ ކަމަށް މެންބަރު ވިދާޅުވި ކަމަށެވެ. ނަމަވެސް އަދިވެސް މަސައްކަތް
ނުފަށާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާއެނބޫދޫ ޒުވާނުންނަކީ އަތޮޅުގެ ނިސްބަތުން އެންމެ ރަނގަޅަށް ފުޓުބޯޅަ ކުޅޭ
ޒުވާނުން ކަމަށް ފާހަގަކުރައްވާ ރިލްވާން ވިދާޅުވީ މާއެނބޫދޫގެ ބޮޑު ފުޓުބޯޅަ ދަނޑު ހަލާކުވެގެންދަނީ މި ދަނޑު ނެހެދި ގިނަ ދުވަސްވާތީ ކަމަށެވެ.
މާއެނބޫދޫ ފުޓުބޯޅަ ދަނޑު ނިންމުމަށް 2025 ގައި މި ސަރުކާރުން ވަނީ ބަޖެޓުގައި 6
މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. އަދި މަސައްކަތް ނިންމުމަށް 120
ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް މަސައްކަތް
އެދެވޭ މިންވަރެއްގައި ކުރިއަށް ނުދާ ކަމުގެ ކަންބޮޑުވުން އެ ރަށު ރައްޔިތުން ދަނީ
ފާޅުކުރަމުންނެވެ.