މި ސަރުކާރު އައިސް މާ ބޮޑަށް އަދި މާ "މޮޅަށް"
ފެނަކަ ކުންފުނިން ވައްކަން ކޮށްފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ
އެވެ.

ކުރީގެ ރައީސް ޔާމީން އެހެން ވިދާޅުވީ ޕީޕަލްސް
ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު
ދައްކަވަމުންނެވެ.

ރައީސް ޔާމީނު ވިދާޅުވީ، މި ސަރުކާރު އައިސް މާ
ބޮޑަށް އަދި މާ "މޮޅަށް" ވައްކަން ކޮށްފައިވާ ކަމަށާއި، އެފަދަ ކަންކަމާ
ގުޅިގެން އެއްވެސް ފިޔަވަޅެއް ވެސް އަޅާފައިނުވާ ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ އިގުތިސާދީ މައްސަލަތަކަށް
އަލިއަޅުވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ، ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް
ލިބި، ޑޮލަރުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމުން ނޫނީ ފެނަކަ ފަދަ ކުންފުނިތަކުން
ބޭނުންހާ ގޮތަކަށް އަމަލުކުރުން ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ޑޮލަރުގެ އަގު ހަމައަކަށް އެޅުމުން ފެނަކައިން
ދޭ ހިދުމަތްތަކުގެ އަގުތައް ވެސް އެއްވަރެއްގައި ހިފަހައްޓަން މަޖުބޫރުވާނެ ކަމަށް
އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް
އޮތް ތަނުގައި ޑޮލަރުގެ ރޭޓު އެއްވަރެއްގައި ހިފެހެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް
މިހާރު ނެތް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބާރުގެ ބޭނުންކޮށްގެން
ބޭރު ފައިސާގެ އަގު އަޅުވެތިކުރުމަށް ނުވަތަ ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތައް
މިހާރު ފެއިލްވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހަމައެއާއެކު، މި ސަރުކާރުން ރައްޔިތުންގެ އެތަކެއް
ހައްގުތަކެއް ނިގުޅައިގަނެފައިވާ ކަމަށް ވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

ރާއްޖޭގެ މާލީ ހާލަތާއި ޑޮލަރުގެ ތަދުމަޑުކަމާ
ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ދިވެހި ހުރިހާ ރައްޔިތުން އެކައްޗެއް
ކިޔައި، މި މައްސަލަތަކަށް ހައްލު ހޯދުމަށް އެންމެން އެއް އަޑަކުން ސަރުކާރަށް ގޮވާލަންޖެހޭ
ކަމަށް ވިދާޅުވެފަ އެވެ.