ގއ ކޮލަމާފުށީގައި
ހުންނަ ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 10 މުވައްޒަފަކު
ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.
މައުލޫމާތު
ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ސިޔާސީ ގޮތުން ސަރުކާރުން
އެކިއެކި ފިޔަވަޅުތައް އަޅާފައިވާ މުވައްޒަފުން ވެސް ހިމެނެ އެވެ.
ކޮލަމާފުށީގެ
އިތުރުން އަތޮޅުތެރޭގެ ފެނަކަ ބްރާންޗުގެ އާދައިގެ މަގާމުތަކުގައި ތިބި މުވައްޒަފުން
ވަކިކުރަމުންދާއިރު، ސަރުކާރުން ދަނީ އެކި ނަންނަމުގައި ސިޔާސީ ބޮޑެތި މަގާމުތަކަށް
ބޮޑު މުސާރައިގައި މީހުން އައްޔަނު ކުރަމުންނެވެ. މިއީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ
ނަމުގައި ހިންގާ އުސޫލާ ފުށުއަރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
މިދިޔަ
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް ޑރ.
މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ފިޔަވައި
އެހެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށެވެ. އަދި އެއީ
200 ފަހަރު ވެވަޑައިގަންނަވާ ވައުދެއް ކަމަށް ވެސް އެމަނިކުފާނު އޭރު ވިދާޅުވި އެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު، އެ ވައުދާ ޚިލާފަށް ސަރުކާރުގެ އެކި ކުންފުނިތަކުން
ދަނީ އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން
ރައީސް މުއިއްޒު މިހާރު ވިދާޅުވަނީ، ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މުވައްޒަފުން
މަދުކުރުމަކީ މިހާރު މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ. އަދި ކުންފުނިތަކުން ކުރަމުންދާ
އެ މަސައްކަތަކީ އެމަނިކުފާނުގެ ވައުދާ ޚިލާފުވުން ނޫން ކަމަށާއި، ކޮންމެ ކުންފުންޏެއްގައި
ވެސް އޮންނަ އުސޫލުގެ ދަށުން މުވައްޒަފުން ދޫކޮށްލާފައި ހުރެދާނެ ކަމަށް ރައީސް ވިދާޅުވި
އެވެ.
ރާއްޖެ ޓީވީން
މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ވަޒީފާއިން ވަކިނުކުރުމުގެ މާނައަކީ
"އެޓް އެނީ ކޯސްޓް" ނުވަތަ ކޮންމެ ގޮތެއް ވިޔަސް މުވައްޒަފުން ބޭތިއްބުން
ނޫން ކަމަށެވެ. އަދި މުވައްޒަފުން ވަކިކުރަނީ އެއްވެސް ސަބަބެއް ނެތި ނޫން ކަމަށާއި އެކަން ކުރަނީ ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު
ތަކުރާރުކޮށް ވިދާޅުވި އެވެ.
ފާއިތުވި
ދުވަސްތަކުގައި ސަރުކާރުގެ އެކި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައިވާއިރު،
އޭގެ ތެރޭގައި ސަރުކާރާ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުން
ހިމެނޭކަން ފާހަގަކުރެވެ އެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކާއި
ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.