ދައުލަތުގެ ހަރަދު ކުޑަކުރަން ބޭނުން ނަމަ، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި
ސަތޭކައިން، ހާހުން ތިބި މީހުން މަދުކުރުމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ
ޝާހިދު ގޮވާލައްވައިފި އެވެ.
ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ނަމުގައި އެމްޑީޕީއަށް ނިސްބަތްވާ އެތައް
ބަޔަކު ވަޒީފާއިން ވަކި ކުރަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި
ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ދައުލަތުގެ ބޮޑެތި ވަޒީފާތަކަށް
އައްޔަނުކުރާ ސިޔާސީ މުވައްޒަފުން ނެގުން ހުއްޓާލުމަށް ޝާހިދު ވަނީ ގޮވާލައްވާފަ
އެވެ.
ސަރުކާރު ކުންފުނިތަކުން ހަރަދު ކުޑަ ކުރުމުގެ ނަމުގައި
އަނިޔާވެރިކަން މަތީގައި އެމްޑީޕީއަށް ނިސްބަތްވާ އެތައް މުވައްޒަފުންނެއް އެ
ގެންދަނީ ވަކި ކުރަމުން. މިއަދުގެ ސަރުކާރަކީ ހުދުމުހުތާރު ސަރުކާރެއް، އަނިޔާވެރި
ސަރުކާރެއް. މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ބޮޑު ތަނުން އެ ވަނީ
އިހުމާލުވެފައި. ސަރުކާރުގެ ހަރަދުތައް ކުޑަ ކުރައްވަންޏާ ސަރުކާރުގެ ބޮޑެތި
ވަޒީފާތަކަށް ނަންގަވާ މުވައްޒަފުން ނެގުން ހުއްޓުވާލާ. ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން ހާހުން ލައިފައި ތިބި މިނިސްޓަރުންތައް ވަކި ކުރައްވާއަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ، ސަރުކާރުގެ ނިޔަތަކީ ބުރަ މަސައްކަތުން އާންމު ރައްޔިތު
މީހާ އަދާކުރާ ވަޒީފާއިން އެމީހުންނަށް ކުރިއަށް ނުދެވޭ ގޮތް ހަދައި، އެމީހުން
ނިކަމެތިކޮށްލުން ކަމަށެވެ. އަދި ރައްޔިތުންނަށް މިދެވޭ އަނިޔާ ހުއްޓާލުމަށް
ޝާހިދު ވަނީ މި ސަރުކާރަށް ގޮވާލައްވާފަ އެވެ.
ޝާހިދު ވިދާޅުވީ، މިހާރު މި ހިނގަމުންދާ ސަރުކާރަކީ އަނިޔާވެރި ހުދުމުހުތާރު
ސަރުކާރެއް ކަމަށެވެ. އަދި އަނިޔާވެރި ކަމާއެކު މިހާރުގެ ސަރުކާރުން ވަކި
ކުރަމުންދާ މީހުންނަށް އެމްޑީޕީގެ ސަރުކާރެއްގައި ހައްގު ބަދަލު ހޯދައިދޭނެ ކަމަށް
ޝާހިދު ވިދާޅުވި އެވެ.
ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ އަށް ނިސްބަތްވާ މުވައްޒަފުން ވަކި ކުރަމުން ދަނީ ނުހައްގުން ކަމުގައި އެމްޑީޕީ އިން ދަނީ ބުނަމުންނެވެ.
މީގެއިތުރުން ބުރާސްފަތި ދުވަހު ހއ. މާރަންދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ 13
މުވައްޒަފަކު ވަޒީފާއިން ވަކި ކުރިކަމަށް އެ ރަށު ކައުންސިލުން ނެރެފައިވާ
ނޫސްބަޔާނެއްގައި ވަނީ ހާމަކޮށްފަ އެވެ. ހަމައެއާއެކު އެއް ހަފްތާ ތެރޭގައި އައްޑޫ
ސިޓީގެ ފެނަކައިގައި މަސައްކަތް ކުރާ 200 އެއްހާ މުވައްޒަފުން ވެސް ވަނީ ވަކި
ކޮށްފަ އެވެ. ހަރަދު ކުޑަކުރާ
ނަމަ، ސަރުކާރުން ސިޔާސީ ބޭނުމުގައި ދީފައިވާ މުސާރަ ބޮޑު ވަޒީފާތަކުން މީހުން ވަކި ކުރުމަށް ގިނަ ރައްޔިތުން ވެސް ދަނީ ގޮވާލަމުންނެވެ.