ބޭރު ފައިސާގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކާއި
ގުޅިގެން، ރިސޯޓު މުވައްޒަފުންނަށް ދިވެހި ރުފިޔާ އިން ސަރވިސް ޗާޖް އަދި މުސާރަ
ދިނުމާއި ދެކޮޅަށް މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މި ޕެޓިޝަނަކީ ޓޫރިޒަމް އެމްޕްލޯއިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)
އިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. ހުކުރު ދުވަހު ޓީމްގެ ސޯޝަލް
މީޑިޔާގައި އާންމުކޮށްފައިވާ ބަޔާނުގައި އެ ޖަމިއްޔާގެ އެންމެހާ މެންބަރު
ރިސޯޓުތަކާއި ޓީމްގެ މެންބަރު ނޫން ރިސޯޓުތަކުން ވެސް މި ޕެޓިޝަނުގައި ސޮއިކުރަން
ވަނީ ބާރު އަޅައިފަ އެވެ.

މި ޕެޓިޝަނުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މުސާރަ ރައްކާތެރިކޮށް، މުވައްޒަފުންގެ ހައްގު މިންވަރެއްގެ މުސާރައެއް ލިބޭނެކަން ކަށަވަރުކުރުން ކަމަށް
ޓީމް އިން ވަނީ ބުނެފަ އެވެ. އަދި ރިސޯޓު މުވައްޒަފުންގެ އާމްދަނީ ޑޮލަރުން ދިނުން
ހުއްޓޭ ގޮތަށް ސަރުކާރުން ގެންނަ ބަދަލުތައް ހުއްޓާލުމަށް ޓީމް އިން ވަނީ
ގޮވާލާފަ އެވެ.

ސަރުކާރުން މި ނިންމި ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި
މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ އާމްދަނީގެ އަދަދު އިންތިހާއަށް ދަށްވެ،
މާލީ ގޮތުން ބޮޑު ބުރައަކާ ކުރިމަތިލާންޖެހޭ ކަމުގެ ކަންބޮޑުވުން ޓީމް އިން ވަނީ
ފާޅުކޮށްފަ އެވެ. އަދި ގައުމަށް މި ދިމާވެފައިވާ ހާލަތަކީ މުވައްޒަފުންގެ
އިހުމާލުން ދިމާވެފައިވާ ކަމެއް ނޫން ކަމަށާއި ބޭރު ފައިސާގެ ދަތިތައް ހައްލު
ކުރުމަށް ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކުރުމަށް ޓީމް އިން ވަނީ ގޮވާލައިފަ
އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި ވަނީ ރިސޯޓު މުވައްޒަފުންނަށް
ލިބޭ ޑޮލަރުގެ އާމްދަނީ އިން 40 އިންސައްތަ ބޭންކަށް މާރުކުރަން ޖެހޭގޮތަށް ބޭރު
ފައިސާގެ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމާފަ އެވެ.

ގާނޫނަށް މި ގެނައި އިސްލާހުގެ ސަބަބުން ޓީމްގެ އިތުރުން މޯލްޑިވްސް
އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން
އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ވަނީ
ކަންބޮޑުވުން ފާޅުކޮށްފަ އެވެ.