ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތު ކުރަން 8.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެފި އެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުގެ 30 ސެޕްޓެމްބަރު 2025ން ފެށިގެން 31 ޑިސެންބަރު 2025 ގެ ނިޔަލަށް ހިނގި މުއްދަތުގެ މާލީ ބަޔާންތަކުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު އެ ފަންޑަށް 132.7 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި ސީއެސްއާރު ފީގެ ގޮތުގައި 25 މިލިއަން ރުފިޔާ ލިބުނު ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުން ހައުސިންގ މިނިސްޓްރީއަށް 8,571,150 ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެއީ ސަލްޓަން ޕާކް މަރާމަތު ކުރުމަށާއި ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާވަޑާންތައް ބަދަލުކުރުމާއި މަރާމާތު ކުރަން ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
އަހަރު ނިމުނުއިރު، މި ފަންޑުގައި ބާކީ 149.2 މިލިއަން ރުފިޔާ ހުރި ކަމަށް ވެސް އޮޑިޓު ރިޕޯޓްގައި ބުނެފައިވެ އެވެ.
ސަލްޓަން ޕާކު އަލުން ތަރައްގީކުރުމަށް ހައުސިންގ މިނިސްޓްރީން އެތަން ބަންދުކުރީ މިދިޔަ އަހަރު އޮގަސްޓު 20 ގަ އެވެ. އަދި މަރާމާތަށްފަހު މި އަހަރުގެ ފިތުރު އީދު ދުވަހު ވަނީ ހުޅުވާފަ އެވެ.