ނޭޕާލުގެ އުތުރުގެ ސަރަހައްދުތަކަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "އެމްއާރުސީ ނޭޕާލް ސޮލިޑަރިޓީ ފަންޑު" ގެ ނަމުގައި މޯލްޑިވިއަން ރެޑް ކްރެސެންޓް އިން ހާއްސަ ފަންޑެއް  ހުޅުވައިފި އެވެ.

މި ފަންޑަކީ އެ ގައުމަށް ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވި ފަންޑެކެވެ.

މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ނޭޕާލުގެ އުތުރުގެ ސަރަހައްދުތަކަށް ކުރިމަތިވި މި ނުރައްކާތެރި ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ ރަސުވާ އަދި ނުވަކޮޓް ޑިސްޓްރިކްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ކާރިސާގެ އަސަރު ގާތްގަނޑަކަށް 93،000 އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާނެ ކަމަށް ބެލެވެ އެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ ގެދޮރު ހަލާކުވެ، ފާލަންތަކާއި މަގުތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބައެއް ސަރަހައްދުތައް ވަނީ މުޅިން އެކަހެރިވެފަ އެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓް އިން ހުޅުވި މި ފަންޑަށް ލިބޭ ހުރިހާ ފައިސާއެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް (އައިއެފްއާރުސީ) މެދުވެރިކޮށް ނޭޕާލް ރެޑް ކްރޮސް ސޮސައިޓީއަށެވެ.

އައިއެފްއާރުސީން ވަނީ މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު، ނޭޕާލަށް އެހީވުމަށް 25 މިލިއަން ސްވިސް ފްރޭންކް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އިލްތިމާސްކޮށްފަ އެވެ. މި އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިހާރު ކުރިމަތިވެފައިވާ ކުއްލި ހާލަތުން އަރައިގަތުމަށާއި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދުތައް އާރާސްތުކުރުމުގެ މަސައްކަތަށެވެ.

އާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމަށާއި އެ މީހުންގެ ދިރިއުޅުން އާންމު ހާލަތަކަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެހީއެއް ކަމަށް މޯލްޑިވިއަން ރެޑް ކްރެސެންޓް އިން ބުނެ އެވެ. އަދި އެހީގެ މިންވަރު ކިތަންމެ ކުޑަ ނަމަވެސް، އެއީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ލިބޭނެ ބޮޑު ހިތްވަރެއްކަން އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.

ނޭޕާލްގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލި މި ކެމްޕޭން ކުރިއަށްދާނީ 2026 ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކުން މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވިއަން ރެޑް ކްރެސެންޓް އިން ވަނީ އެދިފަ އެވެ.