އެސްޓީއޯއިން 2 ބޯޓު ފޮނުވައިގެން ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނެގުން ނޫން އިތުރު ކަމެއް މި ސަރުކާރުން ފެށި ބަންކަރިން ހިދުމަތުން ނުވާ ކަމަށް އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަދި އިހަވަންދޫ ދަައިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި އަހުމަދު އަބްދުﷲ ވިދާޅުވީ އިގުތިސާދީ އެޖެންޑާއަކީ އެއްވެސް މީހަކަށް ފޮރުވާފައި ނުފެންނަ ގޮތަށް ބާއްވަން ޖެހޭ އެއްޗެއް ނޫން ކަމަށާއި އިގުތިސާދީ އެޖެންޑާއެއް އޮތް ނަމަ އެ އެއްޗަކީ ހުރިހާ ރައްޔިތުންނަށް އެނގި ހާމައަށް އޮންނަން ޖެހޭ އެއްޗެއް ކަމަށެވެ. 

އިގުތިސާދީ އެޖެންޑާއެއްގެ ދަށުން ކަންކަން ކުރާ ކަމުގައިވާނަމަ އެ ކަރަމުންދާ ކަމެއް ގައުމު މި ހިސާބަށް އަންނަ އިރު ހުންނަން ވާނީ ކަނޑައެޅިފައި ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިގުތިސާދީ އެޖެންޑާގެ ދަށުން ފެށި ބަންކަރިން ހިދުމަތުން ލިބުނު ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެތަނުގައި ދާ ބޯޓެއް ފެން އަޅަން އެއް ލައްކަ ރުފިޔާއަށް ދޭ ބޯޓެއް ކުޔަށް ހިިފާފައި ގޮސް 50،000 ރުފިޔާގެ ފެންއެޅީމައި އެއީކީ ދެކޮޅު ޖެހޭ ކަމެއް ނޫން. ދެން އަނެއް ކަމަކީ އިގުތިސާދީ މާހިރުން އަބަދުވެސް ދައްކާ އުޅޭ އެއް ވާހަކަ އޮންނާނެ މީ ރޮކެޓް ސައިންސްއެއް ނޫން އެނގޭތޯ، މީ ޑިމާންޑާއި ސަޕްލައި ދިމާނުވާ ކަމުގައި ވަންޏާ އެނގޭތޯ ތަކެތީގެ އަގު އަރައިގެން ދާނެ  
އަހުމަދު އަބްދުﷲ

ކަންކަން ކުރުމުގައި ގައުމުގެ އިގުތިސާދަށް އަންނަ ހެޔޮ ބަދަލު އަންނާނެ ގޮތަށް ޕްލޭންތައް ހަދާނެ ބަޔަކާއި، އިގުތިސާދީ ގޮތުން ގައުމަށް ކޮޅަށް ނަގާ ޖެހޭނެ ބަޔަކު މި ސަރުކާރުގައި ނެތް ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

މީގެ އިތުރުން، މި ސަރުކާރުގައި ހަމައެއް ލަމައެއް ނެތުމުގެ ސަބަބުން ފައިސާ ދޭން އެއްބަސްވެފައި ހުރި ފަރާތްތަކުން ވެސް ބިރުން ދުވެ ފިލާފައިވާ ކަމަށާއި ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެމުން ދަނީ ހާސް ކަމާއި ނުތަނަވަސްކަން ކަމުގައި އަހުމަދު ވިދާޅުވި އެވެ.