ހެކިބަސްދޭ ފުލުހުން
"ކޮށާލާނެކަމަށް" ބުނެ ޗެނަލް 13ށް އިންޓަރވިއު ދިން ޕްރޮގްރެސިވް
ކޯލިޝަންގެ ސަޕޯޓަރެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން
ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ދައުވާ އުފުލީ ގ. ރަންހިރި
އަބްދުއްސަމަދުގެ މައްޗަށެވެ. އޭނާއަކީ މި މައްސަލައިގެ ހާދިސާ ހިނގިއިރު ޕީޕީއެމް/ޕީއެންސީގެ
އެކްޓިވިސްޓެކެވެ.
މިއީ 2021 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅޭ
މައްސަލައެކެވެ. އެގޮތުން އޭރު ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ޓީވީ ޗެނަލަކުން
ގެނެސްދިން އިންޓަރވިއުއެއްގައި ފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ
ބިރު ދެއްކި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ޗެނަލް13ށް ދިން އިންޓަރވިއުއެއްގައި
އަބްދުއްސަމަދު ބުނެފައިވަނީ ޖަލުގައި ބަންދުކުރީ ދޮގު ހެކި ދީގެންކަމަށާއި
ފުލުހުންގެ ތެރެއިން ބަޔާން ދިން މީހުން ވަކިވަކިން އެނގޭ ކަމަށެވެ.
އަބްދުއްސަމަދު އިތުރަށް ބުނީ ދެން އުފެދޭނީ
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވެރިކަމެއް ކަމަށާއި، އެ ވެރިކަމުގައި ދޮގު ހެކިބަސް
ދިން މީހުން ވެސް ޖަލުގެ ތޭރިތަކަށް ދާނެ ކަމަށެވެ. އަދި އެ މީހުން ”ވަކިވަކިން
ކޮށާލާނެ“ ކަމަށް ބުނެ
އޭނާ ވަނީ އިންޒާރު ދީފަ އެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ ބިރުދެއްކުމުގެ
ކުށުގެ ދައުވާ އެވެ. ނަމަވެސް އެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ
ހުކުމްކޮށްފަ އެވެ.
ކޯޓުން ބުނީ ސަމަދު ފުލުހުންނަށް ނިސްބަތްކޮށް
ވަކިވަކިން ކޮށާލާނެ ކަމަށް ބުނެފައިވަނީ ވަކި ޝަރުތެއް ފުރިހަމަވުމުން ނަތީޖާ ނުކުންނަ
ގޮތަށް ކަމަށެވެ. އެގޮތުން އެއީ 2023 ވަނަ އަހަރު އޭނާގެ ޕާޓީ ވެރިކަމަށް އައުން ކަމަށް
ކޯޓުން ފާހަގަކުރި އެވެ.
ކޯޓުން ވަނީ މި އިންޓަވިއުގައި އޭނާ އެހެން ބުނެފައިވަނީ
ފުލުހުންގެ ލޭ އޮހޮރުވައި އެމީހުންނަށް އަނިޔާއެއް ދިނުމުގެ މަޤްސަދުގައި ނޫން ކަމަށް
ޝަރީއަތަށް ބުރަވެވޭ ކަމަށް ބުނެފަ އެވެ.
ކޯޓުން ފާހަގަކުރި ގޮތުގައި ސަމަދު ފުލުހުން ކޮށާލާނަމޭ
ބުނުމުގެ ކުރިން މަކަރާއި ހީލަތް ހަދައި ދޮގު ހެކިދޭ ފުލުހުން އެނގޭ ކަމަށާއި އެ މީހުންނާ
ހައްގުތައް އަރައި ހަމަކުރާނެ ވާހަކަ ބުނެފައިވާތީ އެއީ ފުލުހުންގެ ލޭ އޮހޮރުވައި އަނިޔާދިނުމުގެ
މަގްސަދުގައި ބުނި ބަހެއް ނޫން ކަމަށް ބުރަވެވޭ ކަމަށެވެ.
އެހެންކަމުން މި ދައުވާ އެކަށީގެންވާ މިންވަރެއްގެ
ޝައްކެއް ނެތި ސާބިތުނުވާ ކަމަށް ކަނޑައަޅާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.