ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެ މިއޮތީ ކަސިޔާރުވެފައި ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ ގާނޫނުތައް ގެނައުމުގައި ވެސް އަމަލުކުރަން ޖެހޭ ވަކި އުސޫލުތަކެއް އަދި ތަބާވާން ޖެހޭ ވަކި ހަމަތަކެއް އޮންނަ ކަމަށާއި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ގެންނަވާ ގާނޫނުތަކަށް ތަބާވުމުގައި "އިދިކީލި" ކަމެއް އަދި "ކޮށިއެރުމެއް" ހުންނަ ކަމަށެވެ. 

މެންބަރުންގެ އަނގަ ބަންދުކުރުމަށް ގެނައި ގާނޫނާއި މީޑިއާތައް ކޮންޓްރޯލް ކުރަން ގެނައި ގާނޫނާއި، މިނިވަން މުއައްސަސާތަކުގެ ރައީސްއާއި ނައިބު ރައީސް ހޮވަން ގެނައި ބަދަލުތަކާއި، ޑޮލަރު މާރުކުރުމަށް މަޖުބޫރުކޮށް އުސޫލު އެކުލަވާލުން ފަދަ ގާނޫނުތަކަށް އަމަލު ކުރަން ރައްޔިތުންނަށް އުނދަގޫ ކަމަށާއި މިފަދަ ގާނޫނުތައް ބޮލަށް ނަގައިގަންނަން ރައްޔިތުންނަށް އުނދަގޫ ކަމަށް ނިޝާން ވިދާޅުވި އެވެ. 

 ރައީސް މުއިއްޒު ގެނެސްފައިވާ ބޮޑެތި ފަލަ ގާނޫނުތައް އެކަންކަމަށް ރައްޔިތުންނަށް ތަބާނުވެވިގެން މިއުޅެނީ ރައްޔިތުންނަށް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ ގެންނަވާ ގާނޫނުތަކަށް ތަބާވުމުގައި ރައްޔިތުންގެ ހުރޭ ކޮށި އެރުމެއް އެނގޭތޯ އިނދިކީލި ވުމެއް. އެހެންވީމަ ރާއްޖޭގެ ގާނޫނަށް، ގަވާއިދުތަކަށް، އުސޫލުތަކަށް މުއިއްޒު މި ގެންނަވާ ބަދަލުތަކަށް އަމަލުކުރުމުގައި އުނދަގޫތަކެއް އައިސްގެން މިއުޅެނީ މި ބުނި އިޖުރާތާއި ޕްރޮސީޖާއެއް ނުވަތަ އެ ގެންގުޅެން ޖެހޭ ވައްޓަފާޅި ހަވާސާއިން ބޭރު ވާތީ 
މުހައްމަދު ނިޝާން އިބްރާހީމް 

ގާނޫނެއް ގާނޫނަކަށް ވަނީ ރައްޔިތުން އެޔަށް ތަބާ ވާކަމުގައި ވާނަމަ ކަން ފާހަގަ ކުރައްވައި، ނިޝާން ވިދާޅުވީ ރައްޔިތުންނަށް އެ ގާނޫނުގެ ސަބަބުން ރައްކާތެރިކަން ލިބޭނެކަން ކަށަވަރުނުވާ ނަމަ ރައްޔިތުން އެ ގާނޫނަށް ތަބާ ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ދިމާވެގެން އުޅެނީ އެ މައްސަލަ ކަމަށް ވިދާޅުވި އެވެ. 

ނިޝާން ވިދާޅުވީ މީހުންނަށް ކެތް ނުވާ ވަރުގެ ގާނޫނުތަކާއި، އަމަލު ކުރަން އުނދަގޫ ގާނޫނުތައް ގެނައުމުގެ ސަބަބުން ރާއްޖެ އޮތީ ކަސިޔާރު ވެފައި ކަމަށެވެ.