މުޖުތަމައު އިސްލާހު ކުރުމަކީ ވަކި މީހެއްގެ ޒިންމާއެއް
ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައުގެ އެންމެހައި ފަރުދުންގެ ޒިންމާއެއް ކަމަށް މިއަދު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނެފި އެވެ.
"މުޖުތަމައު އިސްލާހު ކުރުން، އެންމެންގެ
ޒިންމާ" މި މައުޟޫއަށް އިއްވި ޚުތުބާގައި ވަނީ ފަހުގެ ތާރީޚުގައި ދިވެހި މުޖުތަމައަށް
އިޖުތިމާއީ ގޮތުންނާއި އަހުލާޤީ ގޮތުން އައިސްފައިވާ ނޭދެވޭ ބަދަލުތަކާމެދު ކޮންމެ
މީހަކުވެސް ފުންކޮށް ވިސްނަންޖެހޭ ކަމަށް ބަޔާންކޮށްފަ އެވެ.
މިއަދުގެ ޚުތުބާގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ
މައިންބަފައިންނަށް އުރެދުމާއި، އެމީހުންނަށް ނުކިޔަމަންތެރިވުމުގެ މައްސަލައަށެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ އުމުރުގައި މާތް ﷲ ބަރަކާތް ލައްވާނެ
ކަމެއް ކަމަށާއި، އެއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަމަށް ޚުތުބާގައި
ބުންޏެވެ. ނަމަވެސް މިއަދު މައިންބަފައިންގެ ހިތުގައި ޖައްސައި، އެމީހުންނަށް އަޅާނުލާ
ދޫކޮށްލާފައި ތިބޭ މަންޒަރު ފެންނަމުންދާ ކަމަށް ކަންބޮޑުވުމާއެކު ފާހަގަކުރި އެވެ.
ޚާއްސަކޮށް ހޮސްޕިޓަލުތަކާއި، ޚާއްސަ އެހީއަށް
ބޭނުންވާ މީހުންގެ މަރުކަޒުތަކުގައި މުސްކުޅި ބަލީގައި އެކަނިވެރި ހާލުގައި ތިބި މައިންބަފައިން
ތިބިކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އެމީހުންނަކީ ދަރިންގެ އޯގާތެރިކަމާއި އެހީތެރިކަމަށް
ނުހަނު ބޭނުން ޖެހިފައިވާ ބައެއް ކަމަށާއި، މައިންބަފައިންގެ ދުއާއަކީ ކޮންމެ ދަރިއަކަށްވެސް
ލިބޭނެ އެންމެ މުހިއްމު އަދި އެންމެ ބޭނުންތެރި ހަތިޔާރު ކަމަށް ޚުތުބާގައި ބަޔާންކުރި
އެވެ.
މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން
މިސްކިތްތަކުގެ ހުރުމަތް ކަނޑާލުމުގެ މައްސަލައަށްވެސް ޚުތުބާގައި ވަނީ ބަލާލާފަ އެވެ.
ނަމާދު ކުރުމުން ލިބޭ މަތިވެރި ސަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލަ އަމަލުތަކުގެ
ސަބަބުން ގެއްލުވާލައިގެން އެނބުރި ގެއަށްދާ މީހުން އުޅޭކަން ޚުތުބާގައި ފާހަގަކުރި
އެވެ.
މުޖުތަމައުގެ އިސްލާމީ ކަރާމާތަށް އުނިކަން އަންނަ
ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ބަންގި ވަގުތު ވިޔަފާރި
ކުރުމާއި، ނިވާކަން ކުޑަ ފޭރާން އެޅުމާއި، ރަށު ތެރޭގައި ނިވާކަން ކުޑަ ފޮޓޯތަކާއި
އިޝްތިހާރުތައް ޖެހުމަކީ ހައްލު ކުރެވެން ހުރި ކަންކަން ކަމަށެވެ. ނަމަވެސް އެފަދަ
ކަންކަމުގެ ވާހަކަ ދެއްކުމުން އެއީ އެހެން މީހުންގެ މިނިވަންކަމަށް އަރައިގަތުން ކަމަށް
ބައެއް މީހުން ބުނާ ބުނުމަކީ އިންސާފެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާ ނިންމާލަމުން ވަނީ ޔަތީމު ކުދިންނާއި ލޭއަޅާ
ކުދިންނަށް އެހީތެރިވުމަށް އިލްތިމާސްކޮށްފައެވެ. ލޭއަޅާ ކުދިންނަކީ ދިރިއުޅުމަށްޓަކައި
ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ބައެއް ކަމުން، އެކުދިންނަށް އެހެން މީހުންގެ އޯގާތެރިކަމާއި
އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވޭ މުހިއްމު ޚިދުމަތެއް
ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ހަލާލު ގޮތުގައި އާމްދަނީ ހޯދުމާއި،
ވިޔަފާރީގެ މުއާމަލާތްތަކުގައި މަކަރު ނުހަދައި ތެދުވެރިވުމުގެ މުހިއްމުކަންވެސް ވަނީ
ހަނދާންކޮށްދީފަ އެވެ.