ޕާސްޕޯޓު ބުކްލެޓް ޕްރިންޓްކުރާ މެޝިންތަކަށް ދިމާވި
މައްސަލައަކާ ގުޅިގެން، ރާއްޖެއަށް ޕާސްޕޯޓު ސްޓޮކް ލިބުން ލަސްވާތީ، މިހާރު ހުރި ސްޓޮކް
މެނޭޖްކުރުމަށްޓަކައި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް މޯލްޑިވްސް އިމިގްރޭޝަން އިން ބޮޑެތި
ބަދަލުތަކެއް ގެނެސްފި އެވެ.

މި ބަދަލުތަކަށް
އަމަލުކުރަން ފަށާފައިވަނީ 2026 އޮގަސްޓު 28 ވަނަ ދުވަހުން ފެށިގެންނެވެ.

އިމިގްރޭޝަން އިން ހާމަކުރި ގޮތުގައި 2016 ވަނަ އަހަރުން
ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސް މެޝިންތަކަށް
ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވީ ނަމަވެސް، އެކަމަށް އަންދާޒާކުރި ވަރަށް
ވުރެ ގިނަ ދުވަސް ވަނީ ހޭދަވެފަ އެވެ.

އެހެންކަމުން ކުރިން ކަނޑައެޅި ތާރީޚަށް ސްޓޮކް
ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމާއެކު، އައު ސްޓޮކް ލިބޭނެ ކަމަށް ބެލެވެނީ އަންނަ
ސެޕްޓެންބަރު މަހުގެ ނިޔަލަށްކަން އެ އިދާރާއިން ފާހަގަ ކުރެ އެވެ.

މި ހާލަތާ ގުޅިގެން ގެނައި ބަދަލުތަކުގެ ދަށުން،
ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަށް
އެދޭ ފަރާތްތަކަށް މިހާރު އައު ބުކްލެޓެއް ދޫނުކުރާނެ އެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން
މިހާރު ބޭނުންކުރާ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް
ވަނީ ނިންމާފަ އެވެ.

މި ހިދުމަތަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ފޯރުކޮށްދޭނެ
ހިދުމަތެއް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މީގެ އިތުރުން އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ
ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ ދިވެހީން އާންމުކޮށް ދަތުރުކުރާ ގައުމުތަކަށް
ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަރޖެންސީ ޕާސްޕޯޓު" ދޫކުރުމަށް
ވެސް ވަނީ ނިންމާފަ އެވެ.

މިއީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން
(އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ 8 ސަފުހާގެ
މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އިމަރޖެންސީ ޕާސްޕޯޓު ވެސް ދޫކުރާނީ އެއްވެސް ފީއަކާ
ނުލަ އެވެ.

އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި ޕާސްޕޯޓު ފޯރުކޮށްދޭ
ޖަރުމަނުގެ ކުންފުންޏަކީ ވޭތުވެދިޔަ 10 އަހަރު ދުވަހު ވެސް އެއްވެސް މައްސަލައެއް ނުޖެހި
މި ހިދުމަތް ދެމުން އައި ކުންފުންޏެކެވެ. އަދި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް މިފަދަ
ބަދަލުތަކެއް ގެނައި ނަމަވެސް، އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި
އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ އިދާރާ އިން ދެ އެވެ.