މިހާރުގެ
ސަރުކާރުން ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހައި ތަޅުލާފައިވާކަމަށް
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެ
އެވެ.

އެމްޑީޕީ
ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުސެއިން
ސަމީރު ވިދާޅުވީ، މަޖިލީހުގެ މެންބަރުންނާއި ދައުލަތް ހިންގުމުގައި ތިބި މީހުންގެ ފަރާތުން
މިއަދު ކަންކަމުގައި އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށެވެ. މަޖިލީހުގެ މި ދައުރު ނިމިގެން
ދިޔައިރު ފެނިގެން މި ދިޔައީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހައި
ތަޅުލި މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ
ޤާނޫނު ތަންފީޒު ކޮށްދިނުމަކީ ސަރުކާރަށް އޮތް ޗޮއިސްއެއް ނޫން ކަމަށާއި ނަމަވެސް
މި ސަރުކާރުން އެ ޤާނޫނު ތަންފީޒު ނުކުރާ ކަމަށް ހުސެއިން ސަމީރު ވިދާޅުވި އެވެ.

ލާމަރުކަޒީ ޤާނޫނު ތަންފީޒު ކޮށްދިނުމަކީ ސަރުކާރަށް އޮތް ޗޮއިސްއެއް ނޫން، ނަމަވެސް މަޖިލީހުގެ މި ދައުރު ނިމިގެން ދިޔައިރު ފެނިގެން މި ދިޔައީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހައި ތަޅުލި މަންޒަރު
ހުސެއިން ސަމީރު 

މީގެ އިތުރުން،
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ލާމަރުކަޒީ ޤާނޫނާ
ގުޅުވައި އެތައް ވާހަކަތަކެއް ދެއްކެވި ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމުން
ފެންނަނީ މުޅިން އިދިކީލަކޮށް ކަންކަން ނިންމަވަމުން ގެންދަވާ މަންޒަރު ކަމަށް ވެސް
ހުސެއިން ސަމީރު ފާހަގަކުރެއްވި އެވެ.

ސަމީރު
އިތުރަށް ވިދާޅުވީ، ރައްޔިތުންނާ ގާތުން އަދި ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ވެރިކަން
ކުރާކަށް މިއަދުގެ ސަރުކާރަކަށް ނޭނގޭ ކަމަށެވެ.

އެއްގަމު
ދަތުރުފަތުރުގެ ޤާނޫނަށް ގެނައި އިސްލާހަށް ބަލާއިރު ވެސް ކަންކަން ވެގެން ދިޔައީ ނުހަނު
ކަންބޮޑުވާ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުއްލި ގޮތަކަށް ބިލުގެ ކަންކަން
ނިންމާލިއިރު، އެއްވެސް ވަރަކަށް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ވެސް ކޮށްލާފައިނުވާ
ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން
މަޖިލިސް މިހާރަށްވުރެ ޒިންމާދާރުވާނެ ގޮތަކަށް ސަރުކާރުގެ މެންބަރުން ކަންކަން ކުރަން
ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން
ވަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލާފަ އެވެ. އެގޮތުން
ސަރުކާރުން ނިންމާ ގިނަ ނިންމުންތަކަކީ ރައްޔިތުންގެ މަސްލަހަތާ ހިލާފު ނިންމުންތައް
ކަމަށް އެމްޑީޕީން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ.