ނޭޕާލްގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށް އެންގުމަށް އެދިއްޖެ އެވެ. 

ބުރާސްފަތި ފޮރިން މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ދިމާވި ނުރައްކާތެރި ކާރިސާއާ ގުޅިގެން، އެ މިނިސްޓްރީން ބަލަމުން ގެންދާ ކަމަށެވެ. 

ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް ފޮރިން މިނިސްޓްރީ އަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މި ކާރިސާގައި އަސަރުކޮށްފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކަށް އެހީތެރިކަމެއް ބޭނުންވާނަަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ނުވަތަ ކޮންސުލް އަށް އީމެއިލް ކުރުމަށް އެ މިނިސްޓްރީ އިން އެދިފައިވެ އެވެ.

ނޭޕާލްގައި ހުންނަ އިންޓަނޭޝަނަލް ސެންޓަރ ފޯ އިންޓަގްރޭޓެޑް މައުންޓަން ޑިވެލޮޕްމަންޓްގެ މޫސުމީ މާހިރުން ވިދާޅުވާ ގޮތުގައި، މި ކުއްލި ފެންބޮޑުވުން ކުރިމަތިވީ ގަނޑުފެންގަނޑަކުން (ގްލޭޝިއާ) ބޮޑު ބައެއް ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.