ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާ ކަމަށާއި، ބައުންޑަރީ ވޯލް ޖެހުމަށްފަހު މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށް މާއެނބޫދޫ ކައުންސިލްގެ ރައީސް ނޫމާ މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ބިން ހިއްކުމުގެ މަޝްރޫއު ހުއްޓިފައި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ނޫމާ ވިދާޅުވީ މި މަޝްރޫއަކީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 3 ވަނަ ދުވަހު ފެށުނު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ފުރަތަމަ ފޭސް ގައި 15 ހެކްޓަރު އަދި ދެވަނަ ފޭސްގައި 15 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާ ކަމަށް ނޫމާ ވިދާޅުވި އެވެ. އެއީ ރަށާއި ގުޅިގެން 28 ހެކްޓަރު އަދި ޕިކްނިކް އައިލެންޑެއް ގޮތުގައި 2 ހެކްޓަރެވެ. 

މިވަގުތު މަސައްކަތް އެވޯޑުކޮށްފައި ވަނީ 15 ހެކްޓަރުގެ ބިން ހިއްކާ ގޮތަށް ނަމަވެސް، ރައީސް މުއިއްޒު ވަނީ އިތުރު 15 ހެކްޓަރުގެ ބިން ހިއްކައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށް ނޫމާ ވިދާޅުވި އެވެ. އަދި ފުރަތަމަ 15 ހެކްޓަރުގެ ބައުންޑަރީ ވޯލް ޖެހުމަށް ފަހު މަސައްކަތް ހުއްޓިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް އުދަނގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ނޫމާ ވިދާޅުވި އެވެ. 

މިހާރު ފެނުގެ ނިޒާމަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭ، ރައްޔިތުންގެ ފަރާތުން ވެސް ވަރަށް ޝަކުވާ ލިބޭ ހާއްސަކޮށް ދެކުނު ފަރާތުގައި ދިރިއުޅުއްވާ ފަރާތްތަކުން ވަޅުތަކުން ނުބައި ވަސް ދުވުމާއި ފެން ބޭނުން ނުކުރެވޭ ވަރަށް ރަހަލުން ފަދަ ކަންކަން ދިމާވާ ކަން ފާހަގަކުރެވޭ، ދެން އަޅުގަނޑަށް ބޮޑަށް ލަފާ ކުރެވެނީ ރަށުގެ ފެން ދައުރުވާން މި އިންނަ ފަށަލައަށް މިކަމުގެ ސަބަބުން އަސަރުތަކެއް ކުރަނީ ކަމަށް 
ނޫމާ މުހައްމަދު 

މި މަޝްރޫއުގެ އަދާހަމަ ހޯދަން ހައުސިންގ މިނިސްޓްރީގެ ދެ ކޮޑިނޭޓަރަކާއި ވާހަކަދެެކެވުނު ނަމަވެސް ލިބުނީ އެދެވޭ ޖަވާބެއް ނޫންކަމަށް ނޫމާ ވިދާޅުވި އެވެ. އެގޮތުން އެއް ކޯޑިނޭޓަރަކު ވިދާޅުވީ މިއަހަރުގެ ކޮންމެވެސް ހިސާބަކުން މަސައްކަތް ފެށޭނެ ކަމަށާއި އަނެއް ކޯޑިނޭޓަރު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ވަނީ ފެނުގެ ނިޒާމުގެ މަސައްކަތް އެކަނި ކަމަށް ވިދާޅުވި ކަމުގައި ނޫމާ ވިދާޅުވި އެވެ. 

ބިން ހިއްކުމުގެ މަޝްރޫއަކީ މާއެނބޫދޫ ރައްޔިތުންނަށް ވަރަށް މުހިއްމު މަޝްރޫއެއްކަން ފާހަގަކުރައްވައި ނޫމާ ވިދާޅުވީ އެންމެ ފަހުން މާއެނބޫދޫއިން ގޯތި ދޫކުރެވިފައި ވަނީ 1996 ވަނަ އަހަރު ކަމަށާއި މިކަމުގެ ސަބަބުން އެތައް ހާސް އާއިލާއެއް މިއަދު ގޯތި ބޭނުންވެފައި އެބަތިބި ކަމަށެވެ.