ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައުލޫމާތުގެ މައްސަލައިގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިއްޖެ އެވެ. 

އެގޮތުން ގދ. ތިނަދޫ ކައުންސިލުން އެ ރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކަށް ތިނަދޫ އާބާދީއާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ 19 އޮގަސްޓުގައި ބަލައިގަނެފައިވާ ކަމަށް ޕީޖީ އިން މައުލޫމާތު ދީފައިވެ އެވެ. 

ތިނަދޫ ސިޓީގެ މެޔަރު ސައުދު އަލީގެ މައްޗަށް ދައުވާކޮށްދޭން ހުށަހަޅާފައިވާ މި މައްސަލަ ޕީޖީ އޮފީހުން ބަލައިގަނެ، ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށްޓަކައި، މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް ޕީޖީ އިން ބުނެފައިވެ އެވެ. 

މިކަމާ ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރު ސައުދު ވަނީ މިއީ ސިޔާސީ ބޭނުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން ވެސް ތިނަދޫ ސިޓީއަކަށް ބަދަލުކުރީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ، ތިނަދޫ ސިޓީގެ ދަރަޖަ ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ މަޖިލީހަށް ވެސް ހުށަހެޅުއްވި އެވެ.