ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޑޫ ސިޓީ ފެނަކައިގައި މަސައްކަތް ކުރަމުން ދިޔަ އެތަށް މުވައްޒަފުންނެއް ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން އައްޑޫ ސިޓީގައި އިހުތިޖާޖުކޮށްފި އެވެ. 

އައްޑޫ ސިޓީގައި ކުރި އިހުތިޖާޖުގެ ތެރެއިން
އައްޑޫ ސިޓީގައި ކުރި އިހުތިޖާޖުގެ ތެރެއިން

ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ މި އިހުތިޖާޖުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި އިހުތިޖާޖުގައި ވަނީ ޕޯސްޓަރުތައް ހިފައިގެން ނުކުމެ ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. 

އެގޮތުން، ރައީސް މުއިއްޒު އުޅުއްވަނީ ކޮން ކަމެއް ނުކުރެއްވިގެންތޯ ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ލާމަރުކަޒީ ނިޒާމު ފުނޑާލާފައިވާ ކަމަށާއި ރައްޔިތުން މަޖިލީހުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ޕީއެންސީ މެންބަރުން ތިއްބެވީ ނިދިކުރައްވާފައި ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފައިވެ އެވެ. 

މި އިހުތިޖާޖުގައި ބުނީ އައްޑޫ ސިޓީ ފެނަކައިން 202 ވަޒީފާ ގެއްލުވާލާފައިވާ ކަމަށާއި 133 އާއިލާ ބިކަކޮށްލާފައިވާ ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ ވަޒީފާ ގެއްލުވާލަމުންދާއިރު، ސަރުކާރުގެ އިދާރާތަކުގެ ވެރިން ތިއްބެވީ ނާޗަރަންގީ ކުޅުއްވަން ކަމަށް ބުނެ ވެސް ޝުއޫރު ފާޅުކޮށްފައި ވެއެވެ. 

އައްޑޫ ސިޓީގައި ކުރި އިހުތިޖާޖުގެ ތެރެއިން

އައްޑޫ ސިޓީގައި ކުރި އިހުތިޖާޖުގެ ތެރެއިން|ސޯޝަލް މީޑިއާ

މި ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށާއި، އެއް ހަފުތާގެ ތެރޭގައި އައްޑޫ ސިޓީ ފެނަކައިގައި މަސައްކަތް ކުރާ 200 އެއްހާ މުވައްްޒަފުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.  

ރައިޓް ސައިޒް ކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުން ދަނީ މުވައްޒަފުން މަދު ކުރަމުންނެވެ. ޕީސީބީ އިން ކުންފުނިތަކަށް އަންގާފައި ވަނީ 33 އިންސައްތަ މުވައްޒަފުން މަދު ކުރުމަށެވެ. އެކަމުގެ ސަބަބުން، 13،000 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާ ކުރެވިފައިވާއިރު، އިދިކޮޅު އެމްޑީޕީ އިން ވެސް އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.