މި ހިނގަމުންދާ 2026 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި 200 މިލިއަން ޑޮލަރު
ހޯދުމަށް ހިސާބު ޖަހާފައިވާފައިވާއިރު، ދައުލަތަށް މިހާތަނަށް ލިބިފައިވަނީ ހަމައަކަނި 80
މިލިއަން ޑޮލަރު ކަމަށް ޤާނޫނީ ވަކީލު އައިކު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ
ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައިކު ވިދާޅުވީ، ސަރުކާރަށް މިހާރު
ލިބިފައިވާ 80 މިލިއަން ޑޮލަރަކީ ވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުން
މަޝްރޫއުތަކަށް ފައިނޭންސް ކުރަން ހޯދައިފައިވާ ޑޮލަރުތައް ކަމަށެވެ. އަދި 120
މިލިއަން ރުފިޔާގެ ޑެފިސިޓް ފޫބައްދާނެ އެއްވެސް ގޮތެއް މި ސަރުކާރަކަށް ނޭނގޭ
ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރަށް ޕްރޮޕޯޒްކޮށްފައި އޮތް ބަޖެޓުގައި ގާތްގަޑަކަށް 200 މިލިއަން ޑޮލަރު ހޯދުމަށް އެބޭފުޅުންވަނީ ބަޖެޓުގައި ޖައްސަވާފައި. ލިބުނީ 80 މިލިއަން. މިއީ ދެބައިކުޅަ އެއްބަޔަށްވުރެ މަދު. މި 80 ވެސް މި ލިބުނީ އަޅުގަނޑުމެން އެމްޑީޕީ ސަރުކާރުން އަޅުގަނޑުމެން ޕްރޮޖެކްޓްތަކަށް ފައިނޭންސް ކުރަން ހޯދާފަ ހުރި ޑޮލަރު. ބާކީ ހުރި 120 މިލިއަން ރުފިޔާގެ ޑެފެސިޓް ފޫބައްދާނެ އެއްވެސް ގޮތެއް މި ސަރުކާރަކަށް ނޭނގޭ
އައިކު އަހުމަދު އީސާ 

ބޭރު ފައިސާގެ ޤާނުނަށް ގެނައި ބަދަލު ފާހަގަކުރައްވާ އައިކު ވިދާޅުވީ ސަރުކާރުން
ޤާނޫނަށް މިގެނައި ބަދަލުގެ މައިގަނޑު މަގުސަދަކީ ދައުލަތައް ނުލިބި ހުރި ޑޮލަރު
ގަދަކަމުން ރާއްޖޭގެ މާކެޓުން ނެގުމަށް ކަމަށެވެ.

އައިކު ވިދާޅުވީ ދައުލަތަށް ލިބުނު ޑޮލަރު މަދުވި ނަމަވެސް ސަރުކާރުގެ
ޚަރަދުތައް ދަނީ އިތުރުވަމުން ކަމަށެވެ. އަދި ދައުލަތަށް ޑޮލަރު އިތުރަށް ލިބޭ
ކަމަށާއި، ނަމަވެސް ރައްޔިތުންނަށް ޑޮލަރު ލިބުން ވަނީ ދަތިވެފަ ކަމަށެވެ.

ޓޫރިޒަމް ދާއިރާ އިން ދިވެހިރާއްޖެ އަށް ޑޮލަރު ލިބިގެންދާއިރު
ރައްޔިތުންނަށް ޑޮލަރު ލިބުމުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވަނީ
ކީއްވެކަމާ މެދެ އައިކު ވަނީ ސުވާލު އުފައްދަވާފައި އެވެ.

ބޭރު ޤައުމުތަކަށް ދަތުރުކުރާ ރައްޔިތުންނަށް ބޭންކު ރޭޓުން 500 ޑޮލަރު
ލިބޭ ގޮތަށް ހަމަޖައްސާފައިވާކަން ފާހަގަކުރައްވާ އައިކު ވިދާޅުވީ، މިއީ ދިވެހިންނަށް
ހައްގު މިންވަރެއް ނޫން ކަމަށެވެ. އައިކު ވިދާޅުވީ މާކެޓުގައި ޑޮލަރު ހުންނަ ނަމަ
ޑޮލަރު ގަތުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނަން ޖެހޭ ކަމަށެވެ.

މި ހިނގަމުންދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ
ވޭތުވެ ދިޔަ 2 އަހަރު ތެރޭގައި ޑޮލަރުގެ އަގު ވަނީ އިންތިހާ އަށް މަތިވެފަ އެވެ.
މިކަމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، ސިއްހީ ހާލަތްތަކުގައި ބޭރަށް
ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ނުލިބި ރައްޔިތުންނަށް ވަނީ އެތައް ދަތިތަކާ
ކުރިމަތިލާން ޖެހިފައި އެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން މިކަމާ މެދު އެދެވޭ
ފިޔަވަޅެއް އަޅާފައި ނުވެ އެވެ.