ރައްޔިތުންގެ މަޖިލީހުގެ ނިމިގެންދިޔަ ދައުރަކީ ރައްޔިތުންނަށް ގެއްލުމާއި
ދުއްތުރާ ކުރާ ބިލުތަކެއް ފާސްކުރެވުނު ދައުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ބޭއްވި
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހިފަހައްޓަނީ ޓޫރިޒަމް އިންޑަސްޓްރީ އިން ކަމަށާއި މިހާރު
ޤާނުނަށް ގެނެވޭ އިސްލާހުގެ ތެރެއިން 40 އިންސައްތަ ޑޮލަރު އެކްސްޗޭންޖް ކުރުމުގެ
ސަބަބުން ވިޔަފާރިތަކަށް އެތައް ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
މަޖިލީހަށް ކޮންމެ ބިލެއް ވެސް ފާސްކުރަން ފޮނުވަނީ ސްޓޭކްހޯލްޑަރުންނާ
މަޝްވަރާކުރަމަށްފަހު ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މިކަން
ފާހަގަކުރައްވާ މެންބަރު ދީދީ ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ
ފަރާތްތަކާ އެކު މިކަމާ ގުޅިގެން އެއްވެސް މަޝްވަރާއެއް ސަރުކާރުން ނުކުރާ ކަމަށާއި، ޤާނޫނަށް މި ގެނެވޭ އިސްލާހާ އެބޭފުޅުން
ދެކޮޅު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮންމެސް ޕްރޮގްރާމެއްގައި ތިމަންނަމެން ކޮންމެ ބިލެއްވެސް ރައްޔިތުންގެ މަޖިލީހަށް ފާސްކުރަން ފޮނުވަނީ ސްޓޭކްހޯލްޑަރުންނާ ވާހަކަދައްކާ ވަރަށް ދިގު ޕްރޮސެސް އެއް ކަޑައްތު ކުރުމަށް ފަހުގައި. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ އިންޑަސްޓްރީގެ ބޭފުޅުންވެސް ވަނީ ޕްރެސް ރިލީޒެއް ނެރެފައި އެބޭފުޅުންނާ އެދެވޭ ވަރުގެ މަޝްވަރާއެއްކޮށްފައި ނުވާކަން. އަދި އެ ބޭފުޅުން ސަރުކާރުން އެ ހުށައަޅާފައިވާ ހުށެއެޅުން ގަބޫލެއް ނުކުރާ ކަމަށް އެ ގޮތަށް މި އިންޑަސްޓްރީ ކުރިޔަށް ނުދާނެ ކަމަށްއަހުމަދު ދީދީ
ޓީޓީ ހެދި ނަމަވެސް
ވިޔަފާރިތަކަށް ލިބިގެންދަނީ ހަމައެކަނި 20 އިންސައްތަ ކަމަށް ފާހަގަކުރައްވާ މެންބަރު
ދީދީ ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިން އަނެއް 80 އިންސައްތަ ހޯދަން
ޖެހިފައިވަނީ މާކެޓްގެ ތެރެއިން ނުރަސްމީ
ގޮތަކަށް ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކަށް އަލި އަޅުވާލައްވާ މެންބަރު ދީދީ
ވިދާޅުވީ، މި ގާނޫނުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އެއްކޮށް ކެނޑިގެންދާނެ
ކަމަށެވެ. މިއީ ރައްޔިތުންގެ ބިންތައް ރައީސް ބޭނުންވާ ވަގުތަކު އަދި ކެބިނެޓް
މެންބަރުން ބޭނުންވާ ވަގުތަކު، ބޭނުން އިރަކު ނެގޭ ގޮތަށް ގާނޫނަށް ގެނަސްފައިވާ
ބަދަލެއް ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ.
މެންބަރު ދީދީ ވިދާޅުވީ މިހާރު މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ
މެންބަރުން މަސައްކަތް ކުރަމުންދަނީ ބާރުތައް ފެށިގެން އަންނަނީ އަދި ބާރުތައް ދެމި
އޮންނާނީ ވެސް ވެރި މީހައިގެ ކިބައިން ކަމަށް ބުނެ ނިޒާމަށް ބަދަލުތައް ގެނައުމަށް
ކަމަށެވެ. ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތަކީ ބާރުތައް ފެށިގެން
އަންނަނީ އަދި ބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ފަރާތުގައި ކަމަށް
މެންބަރު ދީދީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ މި ދައުރުގައި ޑޮލަރުގެ އަގަށް އަންނަ
ބަދަލުތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން
ލިބޭ އާމްދަނީ އިން 40 އިންސައްތަ އެކްސްޗޭންޖް ކުރުމަށް ގާނޫނަށް އިސްލާހު ގެނަސްފަ
އެވެ. އަދި ކައުންސިލްތަކުގެ އިހްތިސާސުގައިވާ ބިންތައް ސަރުކާރަށް ބޭނުން
ވަގުތަކު ނެގޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ
އެވެ.