ދައުލަތުގެ ހުރިހާ ބާރެއް މިހާރު އޮތީ ރައީސް އޮފީހުގެ ތެރޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.
އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
ވާހަކަ ދައްކަވަމުން މެންބަރު ޝަމްހީދު ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު ރައީސް
އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރެއްވުމުން ދައުލަތުގެ ހުރިހާ ބާރެއް އޮތީ
ރައީސް އޮފީހުގެ ތެރޭގައިކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
ޓޫރިޒަމް
ދާއިރާގެ ވިޔަފާރިތަކުން 40 އިންސައްތަ ޑޮލަރު މާރުކުރުމަށް ޤާނޫނަށް އިސްލާހު
ގެނަސްފައިވާއިރު، އެމްއެމްއޭ އަށް މި ޑޮލަރުތައް ގެނެސްގެން ޑޮލަރުގެ މައްސަލަ
ހައްލެއް ނުވާނެ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން
ބައެއް ވިޔަފާރިތަކަށް ނާޖާއިޒު ފައިދާ ލިބޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި
އެވެ.
އެމްއެމްއޭ ގަވަރުނަރު ރައީސް އޮފީހުގައި ޕްރެސް ދެއްވުމުން އެބަ އިނގޭ ދައުލަތުގެ ހުރިހާ އޯޑަރެއް ހުރިހާ ބާރެއް މިހާރު ގޮއްސަ މިއޮތީ ރައީސް އޮފީހުގެ ތެރެއަށް ވަދެފައިކަން. އެމްއެމްއޭ އަށް އާންމު ރައްޔިތުންގެ އަދި ވިޔަފާރިވެރިން އަތުގަ ހުރި ޑޮލަރެއް އެމްއެމްއޭ އަށް ގެންގޮސްގެނެއް މައްސަލަ ހައްލެއް ނުވާނެ. އެމްއެމްއޭއަށް ގެންނަ ޑޮލަރުގެ ބޮޑު ބައި ބޭނުންކުރަނީ ސަރުކާރުން، ދެން އޮތް ބައި އެސްއޯއީތަކުގެ ބޭނުމަށް ދެން އޭގެ ބާކީ ބައި މިދެނީ ބޭންކު އޮފް މޯލްޑިވްސް އަށް. ބޭންކު އޮފް މޯލްޑިވްސް އަށް ދޭ ޑޮލަރުގެ ތެރެއިން ބޮޑު ބައި މިދެނީ އެބޭފުޅުންނާ ގުޅުން ހުރި ވިޔަފާރިތަކަށްޑރ. އަހުމަދު ޝަމްހީދު
މެންބަރު ޝަމްހީދު ވިދާޅުވީ މިހާރު ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ
ކުންފުނިތަކުގެ ޑޮލަރު އާމްދަނީ އިން 20 އިންސައްތަ ނަގަމުން ދާއިރު ވެސް ޑޮލަރުގެ
އަގު ދަނީ މަތިވަމުން ކަމަށެވެ.
ޓޫރިޒަމް އިންޑަސްޓްރީ އަށް ބޭނުންވާ ލޯނު ހޯދުމުން ދަނީ ދިވެހި ބޭންކުތަކުން
ނޫން ކަމަށް ފާހަގަކުރައްވާ މެންބަރު ޝަމްހީދު ވިދާޅުވީ، ރިސޯޓުތައް ރާއްޖޭގައި އެޅުމަށް
ބޭނުންވާ ފައިސާ ފޯރުކޮށްދެނީ ބޭރުގެ ބޭންކުތަކުން ކަމަށެވެ. އަދި މި ބޭންކުތަކުން
ގެންނަ ޑޮލަރު ރާއްޖޭ އިން ހިފަހަށްޓާ ނަމަ، ބޭރުގެ ބޭންކުތަކުން މިފަދަ މަޝްރޫއުތައް
ފައިނޭންސް ކުރުން ހުއްޓި، ޓޫރިޒަމްގެ ދާއިރާ އަށް އެތައް ބައިވަރު ގެއްލުންތަކެއް
ކުރިމަތިވާނެ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ ދިވެހި ރުފިޔާގެ ޑިމާންޑު ސަރުކާރުން އިތުރުނުކޮށް މި މައްސަލައެއް ހައްލެއް ނުވާނެ ކަމަށާއި، ރުފިޔާގެ ޑިމާންޑު އިތުރު
ކުރެވޭނީ ދައުލަތަށް މިހާރު ރިސޯޓުތަކުން ޑޮލަރުން ދައްކަމުންދާ ޓެކްސް ވެސް
ދިވެހި ރުފިޔާ އަށް ބަދަލުކޮށްގެން ކަމަށެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ މި އިސްލާހުތަކަށް މަޖިލީހުގައި ނެގުނު ވޯޓުން
ސަރުކާރަށް ނިސްބަތްވާ މެންބަރުން ވެސް މިކަމާ މެދު ކަންބޮޑުވުންތަކެއް ހުރިކަން
ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ.
މި ނިންމުންތަކަކީ ސަރުކާރުން ދިރާސާކޮށް ނިންމާފައިވާ ނިންމުންތަކެއް
ނޫން ކަމަށް ފާހަގަކުރައްވާ މެންބަރު ޝަމްހީދު ވިދާޅުވީ، މުސްތަގުބަލުގައި ތަކެތީގެ އަގު
އިންތިހާ އަށް ބޮޑުވެ، ޓޫރިޒަމްގެ ދާއިރާ އަށް ބޭރުގެ އިންވެސްޓަރުންގެ އެހީ ދަށްވެ
ޓޫރިޒަމްގެ ދާއިރާ އަށް އެތައް ގެއްލުންތަކެއް ވާނެ ކަމަށެވެ.