މަސްތުވާތަކެއްޗާއި
މޯބައިލް ފޯނު ފަދަ ތަކެތި ވަގަށް ޖަލަށް ވައްދައި ގައިދީންނަށް ފޯރުކޮށްދިނުމާއި ބޮޑެތި
އަދަދުތަކުން ރިޝްވަތު ނަގާފައިވާކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މޯލްޑިވްސް
ކަރެކްޝަނަލް ސަރވިސްގެ އިތުރު މުވައްޒަފަކާއެކު ނަސޭހަތުގެ އެއްބަސްވުމެއް
ހެދުމަށް ދައުލަތުން ހުށަހަޅައިފި އެވެ.
މޯލްޑިވްސް
ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އެ ސަރވިސްގެ ވަޒީފާގައި ތިބެ، ގާނޫނުގައިވާ
ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ހިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ
ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ
މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާއި
އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގެއް ހިންގައި މައްސަލައިގައި 5
މީހެއްގެ މައްޗަށް ދައުވާކުރުމަށް 2024 އޮގަސްޓު 22 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ
ހުށަހަޅާފަ އެވެ.
މި
މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ރ. އުނގޫފާރު، އައިވަރީހައުސް،
ޖިނާހު އަބްދުއްރަހީމް އާއި ކ. މާފުށި، ބީޗްހައުސް، އަލީ ހިޝާމް އާއި ހދ.
ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް އާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު
ފަތޫހު ފަތުހުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، އަލީ އަސްފާގު އެވެ.
މި މައްސަލައިގައި
ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔައީ ދައުވާލިބޭ މުހައްމަދު ފަތޫހު ފަތުހުﷲ ގެ
ބައެވެ. މި އަޑުއެހުމުގައި މިހާރު މި މައްސަލަ ބައްލަވާ ގާޒީ ވަނީ މައްސަލަ ގޮސްފައިވާ
ހިސާބު ސާފުކުރައްވާފަ އެވެ.
މި އަޑުއެހުމުގައި
ދައުލަތުން ބުނީ މުހައްމަދު ފަތޫހުއަށް ނަސޭހަތުގެ އެއްބަސްވުން ހުށަހެޅުމަށް ފުރުސަތު
އޮތްކަމަށެވެ. މިކަމާ ގުޅިގެން އޭނާ ވަނީ އެކަހަލަ ހުށަހެޅުމެއް އޮތްނަމަ ހުށަހަޅާނެކަމަށް
ބުނެފަ އެވެ.
މި މައްސަލައިގައި
މިހާތަނަށް ގިނަ މީހުންނާއެކު ނަސޭހަތުގެ އެއްބަސްވުން ވަނީ ހަދާފަ އެވެ. މިއީ ޖަލުތަކަށް
މަސްތުވާތަކެތި ވައްދައިދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ގިނަ މީހުން ހިމެނޭ
ބޮޑު މައްސަލައެކެވެ.
މި
މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ، މިއީ މޯލްޑިވްސް
ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އެ ސަރވިސްގެ ވަޒީފާގައި ތިބެ، ޤާނޫނުގައިވާ
ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ޚިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ
ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ
މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި
އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުޤީޤެއް ހިންގައި ޕީޖީއަށް ފޮނުވި
މައްސަލައެއް ކަމަށެވެ.