ވެރިކަންކުރާ ޕީއެންސީ އިން އެމްޑީޕީގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އަށާއި، ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް އަށް ހަމަލާ ދިނުމަށް ބަޔަކަށް ފައިސާ ދީފައިވާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން 24 ގަޑިއިރުވާއިރު، ފުލުހުންގެ ފަރާތުން ޖަވާބެއް ލިބިފައިނުވާ ކަމަށް މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު ކުޑޫ ވިދާޅުވީ، އެ މައުލޫމާތު ލިބިވަޑައިގަތުމާއެކު ބުދަ ދުވަހު ފުލުހުންނަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ. މިހާރު 24 ގަޑިއިރު ހަމާވާއިރު، އަދި ފުލުހުންގެ ފަރާތުން ޖަވާބެއް ނުދޭކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ އެއްބާރު ކަމަށްވާ މަޖިލިސް މެންބަރަކަށް މަރުގެ އިންޒާރު ލިބި އެކަން ހުށަހަޅައިގެން ޖަވާބެއް ނުދެވޭއިރު، އާންމު ރައްޔިތެއްގެ ޝަކުވާ ބަލާނެކަމާމެދު ބޮޑެތި ސުވާލުތަކެއް ހުރިކަން މެންބަރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. 

އެ މައުލޫމާތު ލިބިގެން ބުދަ ދުވަހު ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާނެ، މިހާރު 24 ގަޑިއިރު ހަމަވާން ކައިރިވާއިރު، އަދި ފުލުހުންގެ ފަރާތުން ޖަވާބެއް ނުދޭ. މި ދައްކަނީ ދައުލަތުގެ އެއްބާރު ކަމަށްވާ މަޖިލިސް މެންބަރަކަށް މަރުގެ އިންޒާރު ލިބި އެކަން ހުށަހަޅައިގެން ޖަވާބެއް ނުދެވޭ ވާހަކަ، އާންމު ރައްޔިތެއްގެ ޝަކުވާ ބަލާނެތޯ މިވަރުން ދަންޏާ
މުހައްމަދު އިބްރާހީމް (ކުޑޫ)

މި މައްސަލައާ ގުޅިގެން މެންބަރު ކުޑޫ ވަނީ ސަރުކާރުން ވެސް މުއައްސަސާތަކުން ވެސް މަޖިލީހަށް ލިބެންޖެހޭ ގޮތުގައި އެއްބާރުލުމެއް ނުލިބޭކަމަށް ވެސް ވިދާޅުވެފަ އެވެ.

ވެރިކަންކުރާ ޕީއެންސީ އިން މަޖިލިސް މެންބަރުންނަށް ހަމަލާ ދިނުމަށް ބަޔަކަށް ފައިސާ ދީފައިވާކަމުގެ އަޑުތައް ފެތުރިފައިވާއިރު، މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ރާއްޖެޓީވީގެ ފަރާތުން ވެސް ވަނީ އެދިފަ އެވެ.