ޑޮލަރުގެ އަގު 23 ރުފިޔާއިން މައްޗަށް އަރާއިރު އެ ވާހަކަ ބުނުމުން ޖަލަށްލާ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފައިވާކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ، މަޖިލީހާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު އޮތުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށާއި ނަމަވެސް މިއަދު މަޖިލީހުން ކަންކަން ނިންމަމުންދާ ގޮތުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ދަނީ ގެއްލެމުން ކަމަށެވެ.

މުޅި މަޖިލީހުން ކަންކަން ކުރަމުންދާ ގޮތާމެދު ބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަށް ރައްޔިތުން އެދޭފަދަ މަސައްކަތްތަކެއް ކުރެވެމުން ނުދާކަން ރައްޔިތުން ޤަބޫލުކުރާ ކަމަށާއި، އޭގެ ސަބަބުން އެކިއެކި ޕެޓިޝަންތައް ވެސް ރައްޔިތުންގެ ފަރާތުން ހުށަހަޅަމުންދާ ކަމަށެވެ. 

މައުރޫފް ވިދާޅުވީ، މިއަދު ފެންނަނީ މަޖިލީހަކީ ސަރުކާރުން ފޮނުވާ ކޮންމެ ކަމަކަށް ރަބަރ ސްޓޭމްޕް ޖަހާ ތަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ބިލުތައް އަވަސް އަރުވާލައިގެން ނިންމަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަންކަން މިހެން ހުރިއިރު ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށްކަމަށް މައުރޫފް ވިދާޅުވި އެވެ. އެގޮތުން ޑޮލަރުގެ އަގު 23 ރުފިޔާއިން މައްޗަށް އަރާއިރު އެ ވާހަކަ ބުނުމުން ޖަލަށްލާ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފައިވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މި ފަހުން ފާސްކުރި އެކިއެކި ޤާނޫނުތަކާ ގުޅޭގޮތުން އެމްޑީޕީ ޕީޖީގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މަޖިލީހުގެ މިހާރުގެ މެޖޯރިޓީ އޮންނަނީ ސަރުކާރާ ގުޅިފައިވާ ޕީއެންސީގެ އަތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ހުށަހަޅާ ބިލުތައް ފާސްކުރުމުގައި ބޮޑެތި ދެބަސްވުންތަކެއް ނެތި ބިލުތައް ފާސްކުރަމުންދާކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

އެމްޑީޕީ ޕީޖީން ބުނީ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރަމުންދަނީ ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ނޫންކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި މަޖިލީހާމެދު އޮތް އިތުބާރު ދަށަށްދާ ކަމަށެވެ.