ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނީ ކޮން
އިރަކުންތޯ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ދެންނެވުމުން "އިރާދަކުރެއްވިޔާ
ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ" ކަމަށް ވިދާޅުވެ، ތާރީޚެއް ދެއްވަން
އިންކާރު ކުރައްވައިފި އެވެ.
"ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލައަކީ ކަޅު ބާޒާރު
ކަމަށާއި، ކަޅު ބާޒާރަށް ނިމުމެއް އަންނާނީ ކިހާތާކުތޯ ސުވާލުކުރުމުން މުއިއްޒު
ވަނީ އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާފަ އެވެ.
"ސީދާ ތާރީޚެއް ދިނުމަށްވުރެ އަޅުގަނޑު ހިތުން
އަޅުގަނޑުމެންނަށް، މީގައި ދެންނެވޭނެ ވާހަކައަކީ، އިރާދަކުރެއްވިޔާ ރަނގަޅު
ކުރިއެރުންތަކެއް ލިބޭނޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ކަޅުބާޒާރު އުފެދިގެން އައީ އިއްޔެއަކު
މިއަދަކު ނޫން ކަމުގަ އެވެ.
ސަރުކާރުގެ ޓީވީ، ޕިއެސްއެމް އިން ބުދަ ދުވަހުގެ ރޭ
ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސުވާލަށް
ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ތަކުރާރުކޮށް ވިދާޅުވީ، "އިރާދަކުރެއްވިއްޔާ
މީގެ ނަތީޖާ ރަނގަޅުވާނެ،" ކަމަށެވެ.
ކަޅު ބާޒާރު ނިމުމަކަށް އަންނާނެ ތާރީޚެއް ދެއްވުމަށް ރައީސް މުއިއްޒު ފަސްޖެހިވަޑައިތްއިރު،
އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރު
ކުރުމަކީ ކުށެއް ކަމަށް ބޭރު ފައިސާއާ ބެހޭ ޤާނޫނުގައި ރައީސް މުއިއްޒުގެ ފުލް ކޮންޓްރޯލުގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން ވަނީ ކަނޑައަޅާފައިކަން ފާހަގަ ކުރެވެ އެވެ.
އެގޮތުން ބޭރު ފައިސާ ގަނެ
ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައި،
އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތެއްގެ
މަތިން ކަމަށް ވަނީ ގާނޫނުގައި މިހާރު ވަނީ ބަޔާންކޮށްފަ އެވެ. އަދި އެ ރޭޓާ ޚިލާފަށް ބޭރު ފައިސާ
ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުންވެސް ކުށަކަށްވާނެ އެވެ.
އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ
ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް
ބަލައި 25،000 އާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ
ކުރެވޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ޕްރޮމޯޓްކުރުމަކީވެސް ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެއްވެސް ފަރާތަކުން
ބޭރުފައިސާ ގަނެވިއްކުމަށް އެމްއެމްއޭ އިން ރަސްމީކޮށް ކަނޑައަޅައި،
އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ
ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ
އަގެއް އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވަނީ
ބަޔާންކޮށްފަ އެވެ.
އެ ގޮތުން އިސްތިހާރު ކުރުމާއި، ޕްރޮމޯޓް ކުރުން ކަމުގައި
ބުނެފައިވަނީ ބޭރުފައިސާ އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ މަތީ
ރޭޓެއްގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރު ކުރުމަށްޓަކައި ނުވަތަ
އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް
ވަސީލަތްތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން
އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި، ޝާޢިއު ކުރުމާއި،
ފެތުރުމާއި، ތަކުރާރު ކުރުމާއި ފޯރުކޮށްދިނުން ކަމަށްވެސް ވަނީ
ބަޔާންކޮށްފަ އެވެ.
މި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ގަނެ
ވިއްކުމާއި، އިސްތިހާރު ކުރުމުގައި ޤާނޫނީ ޝަޚުސެއް ޝާމިލުވާނަމަ
އެފަރާތެއް 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން
ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.
ބޮޑެތި އަދަބުތަކާއެކު ގާނޫނަށް ގެނައި ބަދަލުތަކާ އެކު ވެސް ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނެ ކަމެއް ވެސް އަދި ރަސްމީ ރޭޓުގައި ނޫން ގޮތަކަށް ރާއްޖޭގައި ޑޮލަރު ލިބެން ނުހުންނާނެ ކަމެއް ވެސް ރައީސް މުއިއްޒުއަކަށް ވިދާޅެއް ނުވެވުނެވެ.