މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން, ބޭރުގެ ޓްރެވަލް އެޖެންޓުން އަތުން ޓެކެސް ނެގުމުގެ އިސްލާހާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މަޓާޓޯ އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންސާފުވެރި ޓެކްސް ނިޒާމަކަށް އެ ޖަމިއްޔާއިން ތާއީދުކުރި ނަމަވެސް މިހާރު ހުށަހެޅިފައިވާ އިސްލާހުން ރާއްޖޭގެ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ ކަންބޮޑުވުންތައް ހައްލުކޮށްނުދޭ ކަމަށާއި ލޯކަލް ވިޔަފާރިތަކަށް ހަގީގީ ފައިދާއެއް ނުވަތަ ރައްކާތެރިކަމެއް ނުދޭ ކަމަށެވެ.

މަޓާޓޯ އިން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ މި މުހިންމު ބަދަލުތައް ގެނައުމުގެ ކުރިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަޓާޓޯއާއި ލޯކަލް ޓްރެވަލް އޭޖެންޓުންނާ މަޝްވަރާކޮށްފައި ނުވުމެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކާއި، ބޭރު ދުނިޔޭގެ އެތައް ހާސް ޓުއަރ އޮޕަރޭޓަރުންނާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރާނެ ގާނޫނެއް ފާސްކުރުމުގެ ކުރިން މަޝްވަރާކުރުން މުހިއްމު ކަމަށް މަޓާޓޯ އިން ދެކެ އެވެ. 

މަޓާޓޯ އިން ބުނީ ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގެ ނިޒާމަކީ ވަރަށް ކޮމްޕްލެކްސް ނިޒާމެއް ކަމަށާއި ލޯކަލް އޭޖެންޓުން މަސައްކަތްކުރަނީ ގިނަ ބާޒާރުތަކުގައި އޮންނަ ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ހޯލްސޭލަރުންނާއި ބެޑް ބޭންކުތަކުގެ ވަރަށް ބޮޑު ނެޓްވޯކްތަކާއެކު ކަމަށެވެ. އަދި ރާއްޖެ ވިއްކުމަކީ އިދާރީ ގޮތުން ތަކުލީފަކަށް ވެއްޖެނަމަ ބޭރުގެ ބައިވެރިން އެހެން ގައުމުތަކަށް ވިޔަފާރި ބަދަލުކުރުމުގެ ފުރުސަތު ބޮޑު ކަމަށް މަޓާޓޯ އިން ބުނެ އެވެ. މީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވާނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.

ހުށަހެޅިފައިވާ ފްރޭމްވޯކުގައި ރާއްޖޭގައި ދާއިމީ އެސްޓެބްލިޝްމަންޓެއް ނެތް ނަމަވެސް ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގެ ޕްރޮޑަކްޓްތައް ސަޕްލައިކުރާ ބޭރުގެ ކުންފުނިތަކުން މީރާގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ވަނީ ހަދާފަ އެވެ. ރާއްޖޭގެ ޓްރެވަލް ކުންފުންޏެއްގެ ޒަރީއާއިން މަސައްކަތްކުރާ ހުރިހާ ބޭރުގެ އޭޖެންޓުން ރަޖިސްޓްރީ ކުރަން ޖެހުމަކީ އަމަލީ ގޮތުން ތަންފީޒުކުރުމާއި އެންފޯސްކުރުން ވަރަށް އުނދަގޫ ކަމެއް ކަމަށް މަޓާޓޯ އިން ބުނެ އެވެ.

މަޓާޓޯ އިން ބުނީ ބޭރުގެ އޮޕަރޭޓަރުންނަށް އިތުރު ޓެކްސާއި ރަޖިސްޓްރޭޝަން ޝަރުތުތައް އަޅުވައިފިނަމަ، އޮޓޮމެޓިކުން ލޯކަލް އޭޖެންޓުންނަށް ފައިދާވާނެ ކަމަށް ބެލެވޭ ކަމަށް ވިޔަސް އެކަން ހަގީގަތުގައި އެހެން ނުވެދާނެ ކަމަށެވެ. 

އިސްލާހު ތަންފީޒުކުރަން ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ވުމާއެކު މިއީ ވަރަށް ކުރު މުއްދަތެއް ކަމަށް މަޓާޓޯ އިން ފާހަގަކުރެ އެވެ. މިފެށޭ ޓޫރިޒަމް ސީޒަންގައި ގިނަ ވިޔަފާރިތަކުން ކޮންޓްރެކްޓުކޮށް އަގުހަމަޖައްސައި ވިއްކާފައިވާ ކަމަށާއި ރިސޯޓު އެއްބަސްވުންތައް ސޮއިކޮށް ބްރޯޝަރު ޗާޕުކޮށް ޕެކޭޖްތައް ބަހާފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.

ވިޔަފާރީގެ އެއްބަސްވުންތައް ނިމިފައިވާ ފަހުން މި ބަދަލުތައް ގެނައުމަކީ ބޭރުގެ އޮޕަރޭޓަރުންނަށް ނުވަތަ ރާއްޖޭގެ ސަޕްލަޔަރުންނަށް ނުވަތަ ފަތުރުވެރިޔާއަށް އިތުރު ހަރަދުތަކެއް ކުރަން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް މަޓާޓޯ އިން ބުނެ އެވެ. އެހެންކަމުން އެކަށީގެންވާ ޓްރާންސިޝަން މުއްދަތެއް ދިނުމަށާއި މިހާރު ހަދާފައިވާ ކޮންޓްރެކްޓުތަކަށް ރައްކާތެރިކަން ދިނުން މުހިންމު ކަމަށް މަޓާޓޯ އިން ވަނީ އެދިފަ އެވެ.

ޓެކްސް ނެގޭ މުދަލާއި ޚިދުމަތް ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް ޚާއްސަވެފައި އޮތް އޮތުން ނިމުމަކަށް ގެނަސް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް ގާނޫނު ބަދަލުކުރަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހުގެ ބިލު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ އެވެ.