ހުޅުމާލެ ހޮސްޕިޓަލުގެ ސީޓީ ސްކޭން ކޮޓަރީގެ ބޭރުގައި އަމިއްލަ ކުންފުންޏެއްގެ އިސްތިހާރު ޖަހާފައި ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ސިޓީ ސްކޭން ބޭރުގައި އަމިއްލަ ކުންފުންޏެއް އިސްތިހާރު ކޮށްފައިވާ ޕޯސްޓަރެއް ހަރުކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައި އެވެ. އެގޮތުން މިކަމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވެސް ވަނީ "އެކްސް" ގައި ޕޯސްޓެއް ކުރައްވާފައި އެވެ.
އޭނާ ވިދާޅުވީ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަކީ ބަލިމީހުންނަށް ފަރުވާލިބި، އަވަސް ޝިފާއެއް ލިބުމަށް މަގުފަހިކޮށްދޭ އަމާން މާހައުލުތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުގެ އިސްތިހާރުތައް ކުރިއަރުވާ ތަންތަނަށް ވެގެންނުވާނެ ކަމަށް މެންބަރު ކުޑޫ ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން އާންމު ރައްޔިތަކު، އިސްތިހާރު ޖަހައިދީގެން ހުޅުމާލެ ހޮސްޕިޓަލަށް ކިހާ ވަރަކަށް ފައިސާ ލިބޭތޯ ސުވާލު އުފައްދާފައިވެ އެވެ. މީގެ އިތުރުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެފައިވެ އެވެ.