ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި މުހައްމަދު ޚަލީލް އެ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޚަލީލް އެ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި އެވެ. ޚަލީލް އެ މަޤާމުން އިސްތިއުފާ ދެއްވާފައި މި ވަނީ، ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާ ވިއްކަން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ ވާހަކަ އަދި އެ ފައިސާގެ އަގު ޝާއިއު ކުރުން މަނާ ކުރުމަށެވެ. އެފަދަ ކަމެއް ކުރާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ އެމެރިކާ ޑޮލަރު ބޭންކުތަކަށް މާރުކުރުން މަޖުބޫރުވާ ގޮތަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. މިކަމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވަރަށް ގިނަ ބަޔަކާއި އިޤްތިސާދީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައި އެވެ. 

ޚަލީލް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ޕަލްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން، މަންތާ އެއާގެ ހިއްސާދާރެކެވެ. ރައީސް މުއިއްޒު ވަނީ ޚަލީލް އިކޮނޮމިކް ކައުންސިލް އަށް ވެސް އައްޔަނު ކުރައްވައިފަ އެވެ.