ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް އާމްދަނީ ނުވަތަ އެހީ ލިބޭ ގޮތްތަކާއި ކުރާ އެންމެހާ ހަރަދުތައް ހާމަކުރުމަށް ގާނޫނުން ލާޒިމު ކުރުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފި އެވެ.
ބުދަ ދުވަހު އޭސީސީ އިން ވަނީ ކުޅިވަރު އިންތިޒާމްކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމުގެ ގޮތުން ކުރިއަށް ގެންދިޔަ ދިރާސާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
މި ބައްދަލުވުމުގައި އޭސީސީ އިން ބުނީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް، އިސްލާހުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކަށް ލަފާ ދިނުމަކީ ކޮމިޝަނުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ކަމަށެވެ.
އެގޮތުން، އެސީސީ އިން ކުރިއަށް ގެންދިޔަ ދިރާސާގައި މާލީ ޖަވާބުދާރީކުރުވުން ހީނަރުވުމުގެ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މި މައްސަލަ ހައްލު ކުރުމަށްޓަކައި، ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް އާމްދަނީ ނުވަތަ އެހީ ލިބޭ ގޮތްތަކާއި ކުރާ އެންމެހާ ހަރަދުތައް ހާމަކުރުމަށް ގާނޫނުން ލާޒިމް ކުރުމާއި، ރަޖިސްޓްރީކޮށްގެން ހިންގާ ކުޅިވަރު ޖަމިއްޔާތަކުން އަހަރީ ރިޕޯޓުތައް ހުށަހަޅާކަން ޔަގީން ކުރުމާއި، ހުށަނަޅާ ކަމުގައި ވާނަމަ ޖޫރިމަނާކުރުމަށް ކަނޑައެޅިފައިވާ ފިޔަވަޅުތައް އިސްލާހުކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭކަން ކަށަވަރު ކުރުމަށް ލަފާ ދީފައިވެ އެވެ.
ހަމައެއާއެކު، ކުޅިވަރު އެސޯސިއޭޝަންތަކުން އެ ފަރާތްތަކަށް ލިބޭ ފައިސާގެ މާލީ ބަޔާން ހާމަކުރުމާއި އަމަލުކުރާނެ ހަރުދަނާ އުސޫލެއް ގާއިމުކުރުމުގެ އިތުރުން އެފަރާތްތަކަށް ބަޖެޓިންގ އަދި އެކައުންޓިން މަސައްކަތްތައް އެއް ހަމައެއްގެ މަތިން ގެންގުޅެ ބަލަހައްޓާނެ ނިޒާމެއް ކަނޑައަޅައި ތަންފީޒު ކުރުމަށް ލަފާ ދީފައިވެ އެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިދާރީ އަދި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ފުރިހަމަކޮށް، ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ގާނޫނުން ލާޒިމު ކުރުވުމަށް އެސީސީ އިން ލަފާ ދީފައިވެ އެވެ.
މީގެ އިތުރުން، ކުޅިވަރު އެސޯސިއޭޝަންތައް ގަވާއިދުން އޮޑިޓު ކުރުމަށާއި، އެ އެސޯސިއޭޝަންތަކުގެ ވެރިން އަދި ހިރާސް ބޮޑު ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މާލީ ބަޔާންތައް ފުރިހަމަ ކުރުން ލާޒިމު ކުރުމާއި، މާލީ ކަންކަމާއި ބެހޭ މުވައްޒަފުން ފައިނޭންޝަލް މެނޭޖްމެންޓް އަދި އެންޓި ކޮރަޕްޝަން ޕްރެކްޓިސްތަކަށް އަހަލުވެރިކުރުވުމަށް ލަފާ ދީފައިވެ އެވެ.
އެސީސީ އިން ވަނީ އިތުރު މައްސަލަތަކުގެ ގޮތުގައި، ކްލަބު ޖަމިއްޔާތަކުގެ ދަށުން ހިންގާ އެކެޑަމީތައް ރެގިއުލޭޓް ނުކުރެވުމާއި ކުޅިވަރުގެ އެކި ކަންކަމަށް ނުފޫޒު ފޯރުވުމާއި މަސްލަހަތު ފުށުއެރުމުގެ މައްސަލަ އަދި ކުޅިވަރު އެސޯސިއޭޝަން އަދި ޖަމިއްޔާ ޖަމާއަތްތަކުގެ ގަވަރނަންސް ހަރުދަނާ ނުވާކަމުގެ މައްސަލަ ފާހަގަކޮށްފައި އެވެ.