ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، ރިސޯޓުތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. 

ސަރުކާރުގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެންމެ ފުރަތަމަ ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، ރިސޯޓުތަކުން މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބިލަށް އިސްލާހު ގެނައުމަށެވެ. 

އެހެން ނަމަވެސް އެ ބިލު ކޮމެޓީން ފާސްކުރުމަށް ފަހު ތަޅުމަށް ފޮނުވާފައި ވަނިކޮށް ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމެޓީ އަށް ވަނީ ފޮނުވާފަ އެވެ. އެގޮތުން ކޮމިޓީ އިން ބިލު ދިރާސާ ކުރަމުންދަނިކޮށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ކޮންމެ 3 މަހަކުން ޑޮލަރު މާރުކުރަން އޮންނަ އޮތުން 1 މަސް ދުވަހަށް ބަދަލުކުރަން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

އެހެންކަމުން ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ކުރިން، ރިސޯޓުތަކަށް މަހަކު ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކަށް މާރުކުރަން ޖެހޭގޮތަށް އިސްލާހު ގެނެސް، ޓޫރިސްޓު ހޮޓާ އަދި ގެސްޓުހައުސް ފަދަ ތަންތަނަށް އަންނަ ކޮމަން ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެތެރޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރު ކުރަންޖެހޭ ގޮތަށް އިސްލާހު ގެނައުމަށް ވެސް ފާސްކޮށްފައިވެ އެވެ. 

އޭގެ އިތުރުން އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިސްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކުރުމަށް ވެސް އެ އިސްލާހުތަކުގައި ހިމަނާފައިވެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރީ 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.