ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް ހ. މީނާޒް، ޝަމްއޫން ހަމީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. 

އެޗްއާރްސީއެމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މީހަކު އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އިންނެވެ. 

ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން 92 އިންސައްތަ މާކްސްއާއެކު އެއްވަނަ ލިބިވަޑައިގެންފައިވަނީ ހ. މީނާޒް، ޝަމްއޫން ހަމީދު އަށެވެ. އަދި 86 އިންސައްތަ މާކްސްއާއެކު ދެވަނަ ލިބިވަޑައިގަތީ ގދ. ތިނަދޫ، އަސޭގެ، ސަމާއު އަހްމަދު ނަޖީބު އަށެވެ. ސަމާއުއަކީ މިހާރު ވެސް އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމު ފުރުއްވަމުންގެންދަވާ، އެ ދާއިރާގެ ތަޖުރިބާ އާއި ތައުލީމު ހުންނެވި ބޭފުޅެކެވެ.

މި މައްސަލައިގައި އިދިކޮޅު މެންބަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މިނިވަން މުއައްސަސާތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލި، ސިޔާސީ ނުފޫޒު ވަދެފައިވާކަން ހާމަވެގެން ގޮސްފައިވާކަމަށް އިދިކޮޅު މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި އެޗްއާރްސީއެމް ފަދަ މުހިއްމު މުއައްސަސާއަކަށް މެންބަރުން އައްޔަނުކުރާއިރު، އެ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދިނުމަކީ އެ މުއައްސަސާގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އިދިކޮޅު މެންބަރުން ވަނީ ވިދާޅުވި އެވެ.

އެގޮތުން ކޮމިޓީ އިން މާކްސް ދިން ގޮތާ މެދު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

ޒިޔާދު ވިދާޅުވީ، މަގާމާ ގުޅުންހުރި ތައުލީމަށް 20 މާކްސް ދޭން އޮންނަ އިރު، 92 އިންސައްތަ މާކްސްއާއެކު ލިސްޓުގެ އެއްވަނަ ހޯއްދެވި ބޭފުޅާއަކީ މިއުޒިކްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ނަމަވެސް ހިއުމަން ރައިޓްސް ލޯ އިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅާއަށް ލިބިވަޑައިގަތީ 86 އިންސައްތަ މާކްސް ކަމަށެވެ.

ޒިޔާދު ތުހުމަތު ކުރެއްވި ގޮތުގައި މިފަދަ ނަތީޖާއެއް ނުކުތުމުގެ އަސްލު ސަބަބަކީ ރައީސް އޮފީހުން ފޮނުވާ ވަކި ލިސްޓެއްގައި ނަން އޮންނަ ބޭފުޅަކު މަގާމަށް ހޮވުމަށް މަސައްކަތް ކުރުމެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝަމްއޫން ހަމީދު އަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.