މަރުކަޒީ
ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިނިވަންކަން ގެއްލިފައިވާ މިންވަރު
ހާމަވަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ މާލީ ވަޒީރު އިބްރާހީމް އަމީރު ސަރުކާރަށް ވަރަށް
ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އިދިކޮޅު
އެމްޑީޕީގެ މެކްރޮއިކޮނޮމިކް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން
އަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެމްއެމްއޭގެ ގަވަރުނަރު ބައިވެރިވެވަޑައިގެން
ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފަ
އެވެ.
އަމީރު ވިދާޅުވީ،
ރައީސް އޮފީހުގެ ތެރޭގައި ގަވަރުނަރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަކީ އެއްގޮތަކަށް ވެސް
ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ނިމިދިޔަ އެއްވެސް ސަރުކާރެއްގައި އެމްއެމްއޭގެ
ގަވަރުނަރަކު ސަރުކާރުގެ ވަޒީރަކާއެކު ނުވަތަ ސަރުކާރުގެ އެއްވެސް ވުޒާރާއެއްގައި އަދި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިފަދަ ގޮތަކަށް ޕްރެސް ކޮންފަރެންސެއް ބާއްވާފައި
ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. މިކަމުގެ ސަބަބުން އެމްއެމްއޭގެ މުސްތަގިއްލުކަމާ މެދު
ސުވާލު އުފެދޭ ކަމަށް އަމީރު ވިދާޅުވި އެވެ.
މި ސަރުކާރުގެ
މާލީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އަމީރު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާ
ގޮތުގައި މި ސަރުކާރުން މިހާތަނަށް ގާތްގަނޑަކަށް 6.2 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ
ކަމަށެވެ. މިއީ އެމްއެމްއޭގެ އަސްލު ސިޔާސަތުތަކާ ސީދާ އިދިކޮޅަށް ކުރަމުންދާ ކަންކަން
ކަމަށާއި މިހާތަނަށް ފެންނަމުންދަނީ މަރުކަޒީ ބޭންކުގެ މިނިވަންކަން ނަގާލައި ސަރުކާރުގެ
ނުފޫޒުގެ ދަށަށް އެ މުއައްސަސާ ގޮސްފައިވާ މަންޒަރު ކަމަށް އޭނާ ތުހުމަތު ކުރެއްވި
އެވެ.
ސަރުކާރުގެ
މާލީ އަދި އިގްތިސާދީ ސިޔާސަތުތަކާ މެދު ރައްޔިތުންގެ އިތުބާރު އޮތުމަކީ ނުހަނު މުހިންމު
ކަމެއްކަން ފާހަގަކުރައްވައި، އަމީރު ވިދާޅުވީ، ބޭރުގެ އިންވެސްޓަރުން ރާއްޖޭގެ އިގްތިސާދާ މެދު
ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި މަރުކަޒީ ބޭންކުގެ މިނިވަންކަން ކަށަވަރުވާން ޖެހޭ
ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސުން ހާމަވެގެން ދިޔައީ
އެމްއެމްއޭގެ މިނިވަންކަން ގެއްލިފައިވާ މިންވަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން
ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު
ކުރުމަށްޓަކައި މުއައްސަސާތަކުގެ މިނިވަންކަން ދެމެހެއްޓުމަށާއި ދެފުށް ފެންނަ ސިޔާސަތުތަކެއް
ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. ސަރުކާރުން ފައިސާ ޗާޕްކުރުމާއި މާލީ
އިދާރާތަކަށް ނުފޫޒު ފޯރުވުމަކީ ގައުމުގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް
ކުރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.