މާލެ ސިޓީ، މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބިދޭސީއެއްގެ ހާލު ސިރިއަސް ކަމަށާއި، ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓު ކަމާބެހޭ ފަރާތްތަކަށް ލިބިފައިވަނީ 24 އޯގަސްޓް 2026 ވީ ހޯމަ ދުވަހުގެ ފަތިހު 5:27 ހާއިރު އެވެ. މި ހާދިސާ ހިނގާފައިވަނީ 15 މީހުން ދިރިއުޅެމުންދިޔަ 5 ކޮޓަރީގެ އެޕާޓްމަންޓެއްގައި ކަމަށްވާއިރު، އަނިޔާވެގެން 4 ބިދޭސީން އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.
ރާއްޖެއެމްވީއަށް އެމީހުންގެ ހާލަތާ ގުޅޭގޮތުން އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ވިދާޅުވީ ދެ މީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ދެ މީހެއްގެ ހާލު ސިރިއަސްވެގެން އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އެކަކު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށާއި، އަނެކަކުގެ ހާލު ސިރިއަސްވެ މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް އަދި އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލު އޮފިޝަލް ހާމަކުރައްވާފައެއް ނުވެ އެވެ.
މިހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޖެހިގެން ހުރި އިމާރާތް ހިމެނޭހެން ޖުމުލަ 41 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި އެހީތެރިކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފޯރުކޮށްދީފައިވެ އެވެ. އަދި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން ކަމަށް މިހާތަނަށް ބެލެވުނު ނަމަވެސް، ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.