މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެ އެވެ.
އަހުމަދު އަބްދުﷲ އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާރަށު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމްޑީޕީގެ ސިޔާސީ އެކިއެކި ހަރަކާތްތަކުގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާފައިވެ އެވެ.
މީގެ އިތުރުން އަހުމަދު އަބްދުﷲ އަކީ އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވި އަބްދުﷲ ޝާހިދުގެ ވެސް އަރިސް ބޭފުޅެކެވެ.
ޝާހިދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމަށްފަހު މިހާރު ކުރިއަށްގެންދަވާ ކެމްޕޭނުގެ އެކިއެކި ހަރަކާތްތަކުގެ އިސް ސަފުގައި އަހުމަދު އަބްދުﷲ ހަރަކާތްތެރިވެ ވަޑައިގަންނަވަ އެވެ.