މި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކުގެ ބިލުތަކަކީ ކުޅޭ ކުޅިވަރަކަށް ހަދާފައިވާ ކަަމަށާއި ގާނޫނުގައި މިހާރު ވެސް އޮތް ގޮތަށް އިސްލާހުތައް ހުށަހެޅޭއިރު ވެސް އެ ބޭފުޅުންނަށް ނޭނގޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހަޅުއްވާފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހު، އިގްތިސާދީ ކޮމިޓީ އިން ފާސްކުރި ގޮތުގެ ރިޕޯޓު ވަނީ ހުށަހަޅާފަ އެވެ. 

އެ ރިޕޯޓަަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ޚާއްސަކޮށް ސަރުކާރުގެ ފަރާތުން ގެންނަ ބިލްތައް އިސްލާހު ކުރުމުގައި ވުޒާރާތަކުން މަޖިލިސް މެންބަރުން ރޮބަޓުންނަށް ހަދާފައިވާ ކަަމަށެވެ. 

އެގޮތުން މި ބިލު އިގްތިސާދީ ކޮމިޓީ އަށް ފޮނުވީ ނިމިދިޔަ 2025 ވަނަ އަހަރު ކަމަށާއި އަހަރެއްހާ ދުވަހަށް ފަހު، ދައުރު ނިމެން ކައިރިވުމުން މި ބިލުގެ މަސައްކަތް ނިންމަން ކުއްލިއަކަށް މަޖުބޫރުވި ކަމަށެވެ. އެންމެ ފުރަތަމަ ބިލުގެ މަސައްކަތް ކުރި އިރު ހުރިހާ އިދާރާއަކުންނާ ގުޅުންހުރި ހުރިހާ ވުޒާރާއަކުން އިސްލާހުތައް ގެނަސް، އެއްފަހަރު ބިލް ނިންމާފައިވީ ނަމަވެސް، އެ ބިލު ތަޅުމަށް އައިސްފައިނުވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

އަނެއްކާ އިތުރު އިސްލާހުތަކެއް ހުރެގެން ބިލުގެ މަސައްކަތް ނިންމި ނަމަވެސް އެ މަސައްކަތް ވެސް ކަމަކު ނުދިޔަ ކަމަށާއި ދެން ވެސް ފޮނުވަން ޖެހޭ އިސްލާހެއް ނުފޮނުވުނު ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ދެވަނަ ފަހަރު ފާސްކުރި ކަމަށާއި އެ ފަހަރު ވެސް ތަޅުމަކަށް އައިސްފައިނުވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

ތިން ވަނަ ފަހަރު ފާސް ކުރީ. ތަޅުމަކަށް ނައި. ހަތަރު ވަނަ ފަހަރު ފާސްކޮށްގެން ތަޅުމަށް މި އައީ. އައި އިރުގައި ވުޒާރާތަކުން ފޮނުވާ އިސްލާހު، މިހާރުގެ ގާނޫނާ އެއްގޮތަށް ހުރި އިސްލާހު ފޮނުވޭއިރުގައި ވެސް ނޭނގޭ. އެ ވަރަށް މި ކުޅިވަރަކަށް ހަދައިފި. އަޅުގަނޑުމެން ރޭގަނޑު 08:30 އިން 10:45 އަށް ވިޔަސް ނިންމަދޭށޭ ބުނީމައި ނިންމަނީ. ނިންމާއިރު އަދި އަނެއް ދުވަހު ހޭލާއިރު ކޮމިޓީ އެޖެންޑާ ކުރާއިރު ވުޒާރާތަކުން ފޮނުވަން ޖެހޭ އިސްލާހުތައް ނުފޮނުވޭ. 1 އަހަރު ވާން ދެން ކޮމިޓީގައި އޮތް ބިލެއްގެ ވާހަކަ މި ދައްކަނީ. ދައުރު ނިމެން ކައިރި ވީމާ. ދިގުކޮށްގެން 11 ދުވަސް، 12 ދުވަސް، އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވިދާނެ
 އަމީން ފައިސަލް

މެންބަރު ވިދާޅުވީ ވުޒާރާތަކުގައި ތިއްބަވާ ބޭފުޅުންނަކީ ގަދަކަމުން ގެނަސް، ޒިންމާ ހަވާލުކޮށްފައިވާ ބޭފުޅުން ނޫން ކަމަށާއި ގާނޫނުތަކަށް އިސްލާހު ގެންނަނީ ވެސް އެ ބޭފުޅުން ބޭނުންވެގެން ކަމަށެވެ. އެހެންކަމުން މި އިސްލާހުތައް ގެންނަ އިރު މިއަށް ވުރެ ޒިންމާދާރު ވާން ޖެހޭނެ ކަމަށާއި ނުވާނަމަ، އިސްތިއުފާ ދީފަ ގެއަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ވިދާޅުވި އެވެ. މެންބަރު އަމީން ވިދާޅުވީ މަޖުބޫރުން އައްޔަނު ކޮށްފައިވާ ވަޒީރެއް ވެސް އަދި އެމްޑީ އެއް ނުތިއްބަވާނެ ކަމަށެވެ.