ހިއުމަން
ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ
މަގާމަށް މީހަކު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް
އެންޑް ޖެންޑަރ ކޮމިޓީން މާކްސް ދިން ގޮތާ މެދު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން
ޒިޔާދު (ފިއްޓެ) ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފި އެވެ.

މަޖިލީހުގެ
ތަޅުމުގައި ކޮމިޓީ ރިޕޯޓަށް ވާހަކަދައްކަވަމުން ޒިޔާދު ވަނީ މިނިވަން މުއައްސަސާތަކަށް
މީހުން އައްޔަނުކުރުމުގައި އިންޓަވިއު ކުރާ މިންގަނޑަށް އަލިއަޅުއްވާލައްވާފަ
އެވެ.

ޒިޔާދު ވިދާޅުވީ،
މަގާމާ ގުޅުންހުރި ތައުލީމަށް 20 މާކްސް ދޭން އޮންނަ އިރު، 92 އިންސައްތަ މާކްސްއާއެކު
ލިސްޓުގެ އެއްވަނަ ހޯއްދެވި ބޭފުޅާއަކީ މިއުޒިކްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ
ބޭފުޅެއް ކަމަށާއި ނަމަވެސް ހިއުމަން ރައިޓްސް ލޯ އިން މާސްޓާސް ހާސިލުކުރައްވާފައިވާ
ބޭފުޅާއަށް ލިބިވަޑައިގަތީ 86 އިންސައްތަ މާކްސް ކަމަށެވެ.

ޒިޔާދު ތުހުމަތު
ކުރެއްވި ގޮތުގައި މިފަދަ ނަތީޖާއެއް ނުކުތުމުގެ އަސްލު ސަބަބަކީ ރައީސް އޮފީހުން ފޮނުވާ
ވަކި ލިސްޓެއްގައި ނަން އޮންނަ ބޭފުޅަކު މަގާމަށް ހޮވުމަށް މަސައްކަތް ކުރުމެވެ.

މިއީ ތައުލީމީ
ގޮތުން ގާބިލު ބޭފުޅުންނަށް ފުރުސަތު ނުދީ، ސިޔާސީ ނުފޫޒުން މުއައްސަސާތަކަށް މީހުން
އައްޔަނުކުރާ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިކަމުން ދައްކުވައިދެނީ
މި ސަރުކާރުން ތައުލީމަށް އަހައްމިއްޔަތުކަން ނުދޭ މިންވަރު ކަމަށް ވެސް ޒިޔާދު ވިދާޅުވި
އެވެ.

މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނުކުރުމުގައި އިންޓަވިއުކުރާ ފަރާތްތަކަށް މާކްސް ދޭ މިންގަނޑެއް އޮވޭ، އެގޮތުން ތަފާތު އެކި ދާއިރާތަކުން ޕޮއިންޓް ދެވެން އޮންނައިރު އޭގައި އެންމެ މުހިއްމު އެއް ދާއިރާއަކީ އަދާކުރަންޖެހޭ މަޤާމާ ގުޅުންހުރި ތައުލީމަށް ދޭ 20 މާކްސް، އަޅުގަނޑުމެން މިއަދު ހިތާމަކުރަންޖެހޭ ކަމަކީ 92 ޕަސެންޓުން ފާސްވި ބޭފުޅާ ތައުލީމު ހާސިލު ކުރައްވާފައިވަނީ މިއުޒިކްގެ ދާއިރާއިން، މާސްޓަރސް، 86 ޕަސެންޓު ލިބިވަޑައިގެންނެވި ބޭފުޅާ ތައުލީމު ހާސިލު ކުރައްވާފައިވަނީ ހިއުމަންރައިޓްސް ލޯ، މާސްޓަރސް
ހުސައިން ޒިޔާދު

ކޮމިޓީގެ
ރިޕޯޓުގައިވާ ގޮތުން 92 އިންސައްތަ މާކްސްއާއެކު އެއްވަނަ ލިބިވަޑައިގެންފައިވަނީ ހ.
މީނާޒް، ޝަމްއޫން ހަމީދު އަށެވެ. އަދި 86 އިންސައްތަ މާކްސްއާއެކު ދެވަނަ ލިބިވަޑައިގަތީ
ގދ. ތިނަދޫ، އަސޭގެ، ސަމާއު އަހްމަދު ނަޖީބު އަށެވެ. ސަމާއުއަކީ މިހާރު ވެސް އެޗްއާރްސީއެމްގެ
މެންބަރުކަމުގެ މަގާމު ފުރުއްވަމުންގެންދަވާ، އެ ދާއިރާގެ ތަޖުރިބާ އާއި ތައުލީމު ހުންނެވި ބޭފުޅެކެވެ.

މި މައްސަލައިގައި
އިދިކޮޅު މެންބަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މިނިވަން މުއައްސަސާތަކުގެ
މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލި، ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ގިނަ ބަޔަކު
ދަނީ ބުނަމުންނެވެ. އެޗްއާރްސީއެމް ފަދަ މުހިއްމު މުއައްސަސާއަކަށް މެންބަރުން އައްޔަނުކުރާއިރު،
އެ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދިނުމަކީ އެ
މުއައްސަސާގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އާންމުން ވެސް
ދެކެ އެވެ.