ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް، އަދި ކަޅުބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ހައްލު ކުރެވޭކަށް ނެތް ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު
ނަސީމް ވިދާޅުވެއްޖެ އެވެ.

ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާލިއްޔަތު ކޮމިޓީ އިން
ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ، ރައްޔިތުން
ހައްލާލުމުގެ ގޮތުން މިފަދަ ތާކުންތާކު ނުޖެހޭ އިސްލާހުތައް މަޖިލީހުން
ފާސްކުރަމުން ދިޔުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.

މީކާއިލް ވިދާޅުވީ ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ބޭނުން ކުރުން
ނުހުއްޓޭ ނަމަ، ޑޮލަރުގެ އަގު ތިރިވެގެން ނުދާނެ ކަމަށެވެ.

އާއިލާތަކާ ދުރުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް ޑޮލަރުގެ
ބަދަލުގައި ދިވެހި ރުފިޔާ އިން މުސާރަ ދިނުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ މީކާއިލް ވިދާޅުވީ، ސަރުކާރުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ލިބޭ ޑޮލަރު އަތުލަން
މަސައްކަތް ކުރި ނަމަވެސް އާންމު ރައްޔިތު މީހާ އަށް ޑޮލަރުގެ އަގު ތިރި ނުވާނެ
ކަމަށެވެ.

މީގެއިތުރުން މީކާއިލް ވިދާޅުވީ ޑޮލަރުން މުސާރަ ނަގާ ގޮތަށް
އެންބަސީތަކަށް އެތައް ބަޔަކު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި
ވޯޓު ނެގިގެންދާ ކަމަށެވެ. އަދި މިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް
މީކާއިލް ވަނީ ގޮވާލައްވާފައި އެވެ.

ދައުލަތުގެ ވަޒީރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެބޭފުޅުންނަށް
އެންމެ ސުވާލަކަށް ވެސް ޖަވާބު ދެއްވަން ކެރިވަޑައިނުގެންނެވިކަން
ފާހަގަކުރައްވާ މީކާއިލް ވިދާޅުވީ، އެސްއޯއީތަކުން ކަޅު ބާޒާރުގައި ޑޮލަރު ގަންނަ ކަމަށް ވަޒީރުންނަށް އިއުތިރާފުވާން
ކެރިވަޑައިނުގެންނެވި ކަމަށެވެ.

ގަވަރުނަރު އަރުވާ، ފިނޭންސް މިނިސްޓަރު އަރުވާ ދެން ތިބި ވެރިން ވަރުވަރުން އަރުވައިގެން ޕްރެސް ކޮންފަރެންސް ބާއްވަމުން ދިޔައިރު ނޫސްވެރިޔަކު ކުރި އެއް ސިމްޕަލް ސުވާލަކަށް ޖަވާބު ދެއްވާކަން ކެރިވަޑައެއް ނުގަތް. އެސްއޯއީތަކުން ޕެރެލަލް މާކެޓޭ ކިޔައި ރީތިކޮށްގެން ކަޅުބާޒާރުގައި ދުވާލާކު މިލިއަނުން މިލިއަނުން އަޅުގަނޑުމެންގެ ފައިސާއިން ދިވެހި ރައްޔިތުންގެ ފައިސާއިން ކަޅުބާޒާރުގައި ކަޓު ނެގުމުގެ ބޭނުމުގައި އެސްއޯއީތަކުން ކަޅުބަޒާރުގައި ޑޮލަރު ގަންނަކަމަށް އެއްބަސްވެ ވަޑައިގަންނަވަން ކެރިވަޑައެއްނުގަތޭ
މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދު އެއްކޮށް ފުނޑިގެން ދިޔުމުން، އެކަމުގެ
ދަތިތަކާ ކުރިމަތިލާން ޖެހޭ ބަޔަކީ އެންމެހައި ދިވެހި ރައްޔިތުން ކަމަށެވެ.

އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެވިއްކުމުގައި މޯލްޑިވްސް މަނިޓަރީ
އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ވިޔަފާރި ކުރާ ނަމަ، ބައި
މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާގެ ބިލަށް 2026
އޮގަސްޓު 19 ވަނަ ދުވަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ވަނީ އިސްލާހު ގެނަސްފައި އެވެ.