ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި ސަރވިސް ޗާޖު ދިވެހި ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ސަރުކާރުން ކުރަމުންދާ އެންމެހައި މަސައްކަތްތައް ހުއްޓާލުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން ސަރުކާރަށް ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރު 40 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން މުވައްޒަފުންނަށް ޑޮލަރުން ދެމުންއައި މުސާރަ އާއި ސަރވިސް ޗާޖު ރުފިޔާއިން ދޭން މަޖުބޫރުވާނެ ކަމަށް ރިސޯޓު ހިންގާ ފަރާތްތަކުން ބުނަމުންދާ ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ލިބޭ އާމްދަނީގެ އަދަދު އިންތިހާއަށް ދަށްވެ، މާލީ ގޮތުން ބޮޑު ބުރައަކާ ކުރިމަތިލާންޖެހޭނެތީ، އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށް ޓީމް އިން ވަނީ ބުނެފަ އެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމުގެ ބުރައާއި ޒިންމާ މުވައްޒަފުންގެ ބޮލުގައި އެޅުވުމަކީ ބަލައިގަނެވޭނެ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، މި ހާލަތަކީ މުވައްޒަފުންގެ އެއްވެސް އިހުމާލަކުން ދިމާވި ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ޓީމް އިން ބުނީ، ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާގެ މަގުން މުވައްޒަފުންނަށް ބޭނުންވާ މިންވަރަށް ޑޮލަރު ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ނެތި، ޑޮލަރުން ލިބޭ އާމްދަނީ ރުފިޔާއަށް ބަދަލުކުރާ އެއްވެސް ނިންމުމަކަށް އެ ޖަމިއްޔާއިންނާއި ސިނާއަތުގެ މަސައްކަތްތެރިން ތާއީދު ނުކުރާނެ ކަމަށެވެ. އަދި މުވައްޒަފުންގެ މުސާރައަށް އަސަރުކުރާ ފިޔަވަޅެއް އަޅަންވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި، ކަމާބެހޭ ފަރާތްތަކާ ފުރިހަމައަށް މަޝްވަރާކުރުމަށްފަހު ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކުރުމަށާއި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި އަސާސީ ހިދުމަތްތައް ފިޔަވައި ޑޮލަރުން ހޭދަވާ ބޮޑެތި ވެނިޓީ ޕްރޮޖެކްޓްތައް ހުއްޓާލުމަށް ވެސް ޓީމް އިން ވަނީ ގޮވާލާފަ އެވެ. އަދި ބޭރު ގައުމުތަކުގައި ހިންގާ ބޭކާރު އެމްބަސީތަކާއި މިޝަންތައް މަދުކުރުމަށާއި ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ވެސް ގޮވާލާފައިވެ އެވެ. 

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްގުތަކާއި އާމްދަނީއަށް އުނިކަން އަންނަ ފަދަ ނުރަނގަޅު ސިޔާސަތުތަކުން މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ މެންބަރުންނާ އެކު ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ޓީމް އިން ވަނީ ދީފަ އެވެ.

ޓީމްގެ އިތުރުން ވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ދަނީ ސަރުކާރުން ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ ގެންނަމުންދާ ސިޔާސަތުތަކަށް ދެކޮޅު ހަދައި ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި މިހާތަނަށް ގެނެސްފައިވާ ސިޔާސަތަކުން ޑޮލަރު ލިބުމަށް ދަތިވެ، އަގު މަތިންވުން ފިޔަވައި އިތުރު ކަމެއް ނުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.