ސުޕްރީމް
ކޯޓުގެ ފަނޑިޔާރުންތަކަކާ ގުޅޭގޮތުން ޖިނާއީ މައްސަލަތަކެއް ބަލަމުންދާކަމަށް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނިތާ ދޮޅު އަހަރަކަށްވުރެ ގިނަ
ދުވަސްވެފައިވާއިރު، އެންމެ ކުޑަމިނުން އެ މައްސަލައިގެ ތުހުމަތުގައި އޭސީސީ އިން
މިހާތަނަށް އެ މައްސަލަ ރައްދުވާ ފަރާތްތަކާ ސުވާލެއް ވެސް ކޮށްލާފައިނުވާކަން ހާމަވެއްޖެ އެވެ.

ސުޕްރީމް
ކޯޓުގެ އޭރުގެ ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު އާއި
އަޒްމިރާލްދާ ޒާހިރުގެ މައްސަލަ އޭސީސީ އިން ތަހުގީގު ކުރަން ފެށީ ފެބްރުއަރީ 2025
ގަ އެވެ.

އޭސީސީ އިން
އެކަން އޭރު ޖޭއެސްސީއަށް އެންގުމާއެކު ވަގުތުން ފަނޑިޔާރުން ސަސްޕެންޑު ކުރިއެވެ.
އެއީ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭކަމަށް ބަޔާންކުރާ އިސްލާހު ބާތިލުކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން
ފެށެން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.

އޭސީސީ
އިން އޭރު މި މައްސަލައާ ގުޅޭގޮތުން ހަމައެކަނި ބުނެފައި ވަނީ ތަހުގީގު
ކުރަމުންދަނީ ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް ކަމަށެވެ. ނަމަވެސް އޭގެ
ތަފުސީލެއް ނުދެ އެވެ. ފަނޑިޔާރުންނަށް ކުރެވޭ ތުހުމަތު ވެސް އޭސީސީ އިން ހާމަކުރީ
ފަނޑިޔާރުން ލިއުމުން ހުށަހަޅައިގެން ކޮމިޝަނުގައި އެދުމުންނެވެ.

އޭސީސީ އިން
އޭރު ފަނޑިޔާރުންގެ މައްސަލަ ބަލާކަން ހާމަކޮށް އާންމުކުރި ބަޔާނުގައި ބުނެފައިވަނީ،
އޭސީސީގެ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނެފައިވާ ބާވަތުގެ ކޮރަޕްޝަންގެ އަމަލެއް
އެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބުނާ ފަރާތަކުން ކޮށްފައިވާކަމަށް ތުހުމަތުކޮށް
އެފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ
ކުރުމެއް ނެތި އެ މައްސަލަ ބެލުމަކީ ކޮމިޝަނުގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއެއް
އަދި ވާޖިބެއް ކަމަށެވެ.

އެހެންކަމުން
އެ މައްސަލަ ވެސް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ބަލަމުން
ގެންދާނެކަމުގެ ޔަޤީންކަން ދޭކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ
އިތުރުން، އޭސީސީއަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އެއްވެސް
ފަރާތެއްގެ ނުފޫޒަށް ލެނބުމެއް ނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަހުގީގު
ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ދޭކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެ ބަޔާން
އޭސީސީ އިން އާންމުކުރީ 26 ފެބްރުއަރީ 2025 ގަ އެވެ.

އޭގެ ފަހުން
ދޮޅު އަހަރުވެގެންދާއިރު، އޭސީސީ އިން މި މައްސަލައިގެ ތަހުގީގަށް އެންމެ ކުޑަމިނުން
ތުހުމަތުވާ ފަރާތްތަކާ ސުވާލެއް ކޮށްލާފައެއް ނުވެ އެވެ. އެހެންކަމުން އަސާސީ
ހައްގުތަކަށް ފަރުވާލެއް ނުބަހައްޓައި، އަދި ސުވާލެއް ކުރުމެއް ނެތި މައްސަލަތައް
މި ގޮތަށް ލަސްކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށް ވިދާޅުވެ، އެ
ފަނޑިޔާރުން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އޭސީސީ އާއި
ސަރުކާރު ބައިވެރިވެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި
އަމަލުކޮށްފައިވަނީ އިންސާފުވެރި އިޖުރާއަތްތަކުން ބޭރުން ކަމަށާއި، ބޭނުމަކީ
ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ވަކި ގޮތަކަށް ނިންމުމަށް މަގުފަހި
ކުރުވުންކަމަށް ޤާނޫނީ ދާއިރާގެ ފުންނާބުއުސް އެކި ބޭފުޅުން
ވިދާޅުވެފައިވެ އެވެ.

މި
މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން
ހުށަހެޅީ ސިޔާސީ ގޮތުން ވަރަށް ނުތަނަވަސް ދަނޑިވަޅެއްގަ އެވެ. އެގޮތުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް
ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް
މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، ކުއްލި ގޮތަކަށް ފަނޑިޔާރުންގެ ސުލޫކީ އަދި
ޖިނާއީ މައްސަލަތަކެއް ބަލަން ފެށި އެވެ.

މި
މައްސަލަތައް ބަލައި ފަނޑިޔާރުން ވަކިކުރިއިރު، އެ ބޭފުޅުންނަށް ޖަވާބުދާރީވުމަށް
އެކަށީގެންވާ ފުރުސަތެއް ދީފައި ނުވާކަން ފާހަގަކުރެވެ އެވެ. އަދި އޭސީސީން ހިންގާ
ތަހުގީގާ ގުޅޭގޮތުން މީޑިއާތަކުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް
މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އެންމެ
ކުޑަމިނުން ފަނޑިޔާރުންނާ ސުވާލެއް ވެސް ނުކޮށް އަހަރަކަށް ވުރެ ގިނަ ދުވަސް
ވެގެންދިޔައިރު، މުޅި މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ގާނޫނީ ހަމަތަކުން
ބޭރުން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ފަނޑިޔާރުންގެ
މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ނުކުރެވި އެގޮތުގައި އޮއްވައި އޭގެ
ތެރެއިން ދެ ފަނޑިޔާރަކު ވަނީ މަޤާމުން ވެސް ވަކިކޮށްފަ އެވެ. އެގޮތުން މި
މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރިއިރު މަޖިލީހުން
އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދެއްވާފައިނުވެ އެވެ.